ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.

އޭނާ މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދަން މަޖިލީހުގެ އިދާރާއިން ބޭރަށް ނެރުނީ މެންބަރުންގެ އެހީގަ އެވެ. އަދި ޝިޔާމަށް ސްޓްރޯކެއް ޖެހުނު ކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރުނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު "ވަން" އަށް ވިދާޅުވީ، ޝިޔާމުގެ ސިއްހީ ހާލުކޮޅު ދެރަ ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޝިޔާމުގެ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ސްޓްރޯކެއް ޖެހުނު ކަމެއް އަދި ނޭނގެ. އެފަދަ ވާހަކައެއް ޑޮކްޓަރު ވިދާޅެއް ނުވޭ. މިހާރު ހާލު ސްޓޭބަލް،" ހީނާ ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދު މީޑިއާތަކަށް ވިދާޅުވީ، ޝިޔާމް އިމަޖެންސީގައި ފަރުވާ ދެމުންދަނީ ވަރަށް ބޮޑަށް ހުން ގަދަވެގެން ކަމަށެވެ.