ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިފައިވާ ގޮތް ބަދަލުކޮށް، ސިޔާސީ މީހުން ނުލައި އެ ކޮމިޝަން އެކުލަވާލަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި، ބަހުސް ފަށައިފި އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް، ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި 161 ވަނަ މާއްދާ އާއި 162 ވަނަ މާއްދާ އަދި 165 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނީޑޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ދެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ މީހުންގެ ތެރެއިން އެބައި މީހުން އިންތިހާބު ކުރާ މީހަކާއި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ފިރިހެން ގާނޫނީ ވަކީލަކާއި އަންހެން ގާނޫނީ ވަކީލަކާއި ރާއްޖޭގެ ޔުނިވާސިޓިތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބު ކުރާ ދާރިސަކާއި ގާނޫނީ ފަންނު ކިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭ މީހެކެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން މިހާރު ޖޭއެސްސީގައި ތިއްބަވަނީ 10 މެންބަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެމްބަރަކާއި ދަށުކޯޓު ތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ދައުލަތުގެ ބަންޑާރަ ނައިބާއި ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރެކެވެ.
ޖޭއެސްސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވަމުން ތޯރިގު ވިދާޅުވީ، ގާނޫނުއަސާސީގެ ހަތްވަނަ ބާބުގައިވާ ގޮތުގެ މަތިން ޖޭއެސްސީ އެކުލަވާލުމަށްފަހު ފާއިތުވެގެން ދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވެފައިވަނީ، ޖޭއެސްސީން ބަލައި މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނުހެދުމުގެ ބާރުގެ ނުފޫޒާއި ގޮތްކިޔުން އިންތިހާއަށް ހިމެނިގެންދިއުން ކަމަށެވެ.
އެކަމުގެ ސަބަބުން ގާނޫނުއަސާސީގެ ހަވަނަ ބާބުން ކަށަވަރު ކޮށްދޭ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދޭ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ހުރަސްއެޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު