ދުނިޔެ

އަރަބި ގައުމުތަކުން ފްރާންސްގެ ޕްރޮޑަކްޓައް ބޮއިކޮޓް ކުރަން ފެށުމާއެކު އެކަން ނުކުރުމަށް ފްރާންސުން ގޮވާލައިފި

މުހައްމަދު އައުޒަމް

އަރަބި ގައުމުތަކުން ފަރާންސްގެ ޕްރޮޑަކްޓައް ބޮއިކޮޓް ކުރަން ފެށުމާއެކު އެކަން ނުކުރުމަށް ފްރާންސުން ގޮވާލައިފިއެވެ.

މެދުއިރުމަތީގެ ގިނަ ގައުމުތަކަކުން ގުޅިގެން ފްރާންސުން އުފައްދާ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކަރޮން އިސްލާމް ދީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

މެކަރޮން ވަނީ ފްރާންސްގެ ސްކޫލް ޓީޗަރަކު ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫން ކުރެހިި މައްސަލަ ހޫނުވެ، ބަޔަކު އެޓީޗަރު މަރާލުމާ ގުޅިގެން އެގައުމުގައި ތިބި ދީނީ ހަރުކަށި މީހުން ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އަދި މެކަރޮން ވަނީ އިސްލާމްދީނަކީ ކާރިސާއެއްގައި އޮތް ދީނެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

ފްރާންސްގެ ރައީސްގެ ދެއްކެވި ވާހަކަފުޅާ ގުޅިގެން އަރަބި އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ ސޯޝަލް މީޑިއާ ބޭނުންކޮށް ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި ބައެއް ގައުމުތަކުން އެގައުމުތަކުގައި ވިއްކާ ފްރާންސުގެ ޕްރޮޑަކްޓްތައް ވިއްކުން ހުއްޓާލައިފައި ވެއެވެ. ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ކުވައިތާއި ސައުދީގެ އިތުރުން ޖޯޑަން އާއި ގަތަރުވެސް ހިމެނެއެވެ. މިގައުމުތަކުގެ ގިނަ ވިޔަވާރިވެރިން ވަނީ އެމީހުންގެ ފިހާރަތަކުގެ ޑިސްޕްލޭއިން ފްރާންސްގެ ޕްރޮޑަކްޓްތައް ނަގައި ހުސްކޮށްފައެވެ.

އަރަބި ގައުމުތަކުން ބޮޑު ކެމްޕެއިނެއް ފެއްޓުމާއެކު އެކަމުގެ އަސަރު ފްރާންސްގެ އިގްތިސޯދަށް ކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ފްރާންސްގެ ފޮރިން އެފެއާޒް މިނިސްޓްރީން ވަނީ އެގައުމުގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިން ހުއްޓާލުމަށް އެދި ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ އެކެމްޕެއިނަކީ އެއްވެސް އަސްލެއް ނެތް ކެމްޕެއިނެއް ކަމަށާއި ފްރާންސް އާއި ދެކޮޅަށް އަންނަ މިކަހަލަ ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް އެދިފައެވެ