ޚަބަރު

އުރީދޫގެ ސުޕަނެޓް ހިދުމަތް ހޯރަފުއްޓަށް

އަލީ ޔާމިން

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ހޯރަފުއްޓަށް ތައާރަފުކޮށްފިއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ހޯރަފުށީގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު މިއަދު ހުޅުވާލެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަދުގެ ހާލަތާއެކު އިންޓަނެޓަށް ބަރޯސާވުން އިތުރުވަމުންދާ މި ދަނޑިވަޅުގައި އަަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބިގެންދިއުމަކީ މުހިންމުކަމެއްކަމުގައި ދެކިގެން. އެގޮތުން މިއަހަރު ތެރޭގައި މިހާތަނަށް ހަ ރަށަކަށް ވަނީ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ދެވިފައި،" ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން ވަނީ ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އުރީދޫގެ ސުޕަނެޓް ޕެކޭޖުތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/getsupernet އަށް ޒިޔާރަތްކުރުން އުރީދޫން އެދެއެވެ.