އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) ބުނީ އެ ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށާއި އެމީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ކަމަށެވެ.

އެ ދެމީހުންނާއެކު އައްޑޫ ސިޓީގައި ކޮވިޑުގެ އެކްޓިވް ތިން ކޭސް އެބައުޅެއެވެ. އެއީ މިދިޔަ ހުކުރު ދުވަހު ފޭދޫން ޕޮޒިޓިވްވި ބިދޭސީ މީހާއާއެކުއެވެ.

އައްޑޫން މިހާތަނަށް ޖުމުލަ 73 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 70 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭގެ ކޮވިޑް ޕޯޓަލްގައިވާ ގޮތުން، ރާއްޖޭގެ 22 ރަށެއްގައި ކޮވިޑުގެ އެކްޓިވް ކޭސްތައް އެބައުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގައި އޮތީ ލޯކަލް ޓްރާންސްމިޝަނެއް އޮތް ކުޅުދުއްފުށި ސިޓީ އެކަންޏެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 84 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ދިވެއްސަކާއި 58 ބިދޭސީންނެވެ. ކޭސްތަކުގެ އަދަދު 80 އިން މައްޗަށް ގޮސްފައިމިވަނީ ފާއިތުވެދިޔަ ދެ ހަފުތާގައި އަދަދުތައް ދަށަށް ދިއުމަށްފަހުއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ފެނުނު 84 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ފެނިފައިވަނީ 30 ކޭސްއެވެ. އަދި 54 ކޭސްއެއް ފެނިފައިވަނީ އެހެން ރަށްރަށުންނާއި ރިސޯޓުތަކުންނެވެ. އެ 54 ކޭސްގެ ތެރެއިން 52 ކޭސް ފެނިފައިވަނީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުންނެވެ. އެއާއެކު އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 63 އަށް އަރައިފައެވެ.