ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީތެރިކަމާއެކު އިންޑިއާގައި ސީޕްލޭން އޮޕަރޭޝަންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން މިމަހުގެ 31 ވަނަ ދުވަހު ގުޖުރާތުގެ ކެވާދިޔާ އާއި އަހުމަދުއާބާދާ ދެމެދު ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ. މި ހިދުމަތް ފައްޓަވައިދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ ސީޕްލޭންގެ ހިދުމަތް ފެށިގެންދާނީ މޯލްޑިވިއަންގެ ކުރޫ އިންނާއި ޕައިލެޓުންގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި ހިދުމަތް ފެށުމަށް އައިލެންޑް އޭވިއޭޝަނުން ސްޕައިސް ޖެޓަށް އެއް ސީޕްލޭން ލީޒް ކޮށްފައިވާ ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުގެ ޓެކްނިކަލް ޓީމާއި މޯލްޑިވިއަންގެ ސީޕްލޭނާއި ކްރޫ އިންވެސް މިއަދު އިންޑިއާއަށް ގޮސްފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށެވެ. އަދި ދަތުރުގެ ޓިކެޓުގެ އަގަކީ 4،800 އިންޑިއަން ރުޕީސް ކަމަށެވެ.