އާންމުންނަށް ހިނގާބިގާވެ އުޅުމަށް ދަތިވާ ގޮތަށް މާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ޕެލެޓުތައް ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭ ސިިޓީގެ މަގުމަތީގައި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައިވާ ޕެލެޓުތަކާއި މީހުންނަށް އަނިޔާވާ ގޮތަށް ބަހައްޓާފައިވާ ޕެލެޓާއި އެހެނިހެން ތަކެތި މި ހަފުތާގެ ތެރޭގައި ނަގަމުން ގެންދާނެ ކަމަށެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ އަންނަ ބުދަ ދުވަހުގެ ކުރިން އެތަކެތި ނަގައި، ތަން ސާފުކުރުމަށް އަންގާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ ކުނީގެ ގޮތުގައި އެތަކެތި ނައްތާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނީ، ޕެލެޓުތައް ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ސިިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.

މީގެ ކުރިންވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ޕެލެޓުތައް ނެގުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.