ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައުލޫމާތު ފުލުހުން އާއްމު ކޮށްފިއެވެ.

ފުލުހުން ބުނީ، ޅ. ހިންނަވަރު، އަންބަރީގެ، އިބްރާހީމް ނަޒީދު (37އ) އަކީ، އެގޮތަށް މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އެހެންކަމުން އިބްރާހީމް ނަޒީދުގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއް ވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމައުގައި އިތުރު ވަމުންދާ މައްސަލަތަކަކަށް ވާތީ، ފައިސާ އާއި އަގުބޮޑުތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ސައްހަ ނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކު ކުރެވޭ ނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެއްގުމަށް އެދޭކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.