އާނޯލްޑް ހިތުގެ ސާޖަރީއެއް ހަދައިފި ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފިއެވެ.

73 އަހަރުގެ ހޮލީވުޑް އެކްޓަރު އަދި ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އާނޯލްޑް ޝްވެޒްނެގާ ވަނީ ހިތުގެ ސާޖަރީ ގެ މައުލޫމާތު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ.

އާނޯލްޑް ވަނީ އޮހިއޯގެ ކްލެވާލެންޑް މެޑިކަލް ސެންޓަރުގައި ސާޖަރީ ހަދައި އޭނާގެ ހިތުގެ ހޮޅިއެއް ބަދަލުކުރި ކަމަށް ބުނެފައެވެ. ހިތުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ލޭ ފޮނުވައިދޭ ހޮޅީގައި މައްސަލަ ޖެހި ބަދަލުކުރަން ޖެހުނީކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއީ އާނޯލްޑް ހިތުގެ ސާޖަރީއެއް ހަދާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ މީގެ ދެއަހަރު ކުރިންވެސް ހިތުގެ ބޮޑު ސާޖަރީއެއް ހަދައިފައެވެ. އަދި 1997 ވަނަ އަހަރުވެސް ހިތުގެ ހޮޅިއެއް ބަދަލުކުރުމަށް ބޮޑު ސާޖަރީއެއް ކޮށްފައި ވެއެވެ.