ދުނިޔޭގެ އެންމެ ބޮޑު، މިކްސް މާޝަލް އާޓްސް ތެޅުމުގެ މުބާރާތް ކަމަށްވާ، އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ)ގެ ލައިޓްވެއިޓް ބެލްޓު ދިފާއުކޮށް، ޚަބީބް ނުރުމަގުމެޑޯވް ގެ ކެރިއަރު ނިންމާލައިފިއެވެ.
އުމުރުން 32 އަހަރުގެ ޚަބީބު ބެލްޓް ދިފާއުކޮށްފައި ވަނީ ރޭ ޑުބާއީގައި އެމެރިކާގެ ޖަސްޓިން ގައިތުޖޭ ބަލިކޮށްގެންނެވެ. ތެޅުމުގެ ދެވަނަ ބުރުގައި ޗޯކް ސަބްމިޝަންއަކަށް ގޮސް ޚަބީބު މެޗު ކާމިޔާބުކުރިއިރު، އޭނާގެ ކެރިއަރުގައި 29 މެޗުން ވަނީ މޮޅުވެފައެވެ. އެއްވެސް މެޗަކުން ބަލިނުވެ، ޚަބީބް ވަނީ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ކެރިއަރުގައި ދަމަހައްޓާފައެވެ.
ޚަބީބަކީ މުސްލިމް ތެޅުންތެރިއެކެވެ. "އީގަލް"ގެ ނަމުން ރިންގްގައި މަޝްހޫރުކަން ހޯދި ޚަބީބުގެ ޚާއްސަ ކަމަކީވެސް އޭނާ މުސްލިމުންނަށް ދޭ އަގުހުރި މެސެޖުތަކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޚަބީބަކީ މުޅި މުސްލިމް އާއިލާ ފަހުރުވެރިވާ ފަދަ ކުޅިވަރު ޝަހުސިއްޔަތެކެވެ.
ރޭގެ މެޗަށްފަހު ޚަބީބުގެ ކެރިއަރު ހުއްޓާލިކަން އިއުލާންކޮށް، އަތުގައިވާ އަންގި ރިންގް މަތީގައި ބޭއްވީ ނުހަނު އަސަރާއެކުއެވެ. ޚަބީބުގެ ރިޓަޔާމަންޓް ގިނަ ބަޔަކަށް ޝޮކަކަށް ވި ކަމުގައި ވީ ނަމަވެސް، އޭނާ ބުނެފައި ވަނީ އެއީ މަންމަ ގާތުގައި ވެފައިވާ ވަސިއްޔަތެއް ކަމަށެވެ. ޚަބީބުގެ ކޯޗު، އަދި މެންޓާ ކަމަށްވާ އޭނާގެ ބައްޕަ އަބްދުލްމަނާފް މިދިޔަ ޖުލައި މަހު ކޮވިޑް 19 ގައި ނިޔާވެފައިވާއިރު، ޚަބީބު ބުނެފައި ވަނީ މަންމަ ގާތު ބުނެފައިވާނީ ބައްޕައާ ނުލައި ކެރިއަރުގައި ނުކުންނާނެ ހަމައެކަނި މެޗަކީ ރޭގެ މެޗު ކަމަށެވެ.
"މިއީ އަހަރެންގެ އެންމެ ފަހު މެޗު. މި ރިންގަށް ބައްޕައާ ނުލައި އަހަންނަކަށް ނާދެވޭނެ. މިއީ ބައްޕަ ނިޔާވި ފަހުން އަހަރެން ތެޅުމަށް ނުކުތް ފުރަތަމަ މެޗު. ޔޫއެފްސީން ޖަސްޓިންއާ ތެޅުމަށް ބުނުމުން އަހަރެންގެ މަންމައާ ތިން ދުވަސް ވަންދެން ވާހަކަ ދެއްކިން. މަންމަ ބޭނުމެއް ނުވޭ ބައްޕަ ނެތި، އަހަރެން މިގޮތަށް ރިންގްގައި ތަޅާކަށް. އެހެންވީމަ އަހަރެން މަންމައަށް ވީ ވައުދު އެއީ. އެކަން ފުރިހަމަ ކުރާނަން،" ރޮވެފައި ހުރި ވާހަކަ ދައްކަމުން ޚަބީބް ބުނެފައިވެއެވެ.
ޚަބީބަކީ ޔޫއެފްސީގެ ތާރީހުގައިވެސް ފެނުނު އެންމެ ތަފާތު އެއް އެތުލީޓެވެ. ޔޫއެފްސީގެ ރައީސް ވާހަކައިގައި ވިދާޅުވެފައި ވަނީ ޚަބީބަކީ މިހާރު "ގޯޓް"ގެ ލަގަބު އެރުވުމަށް އެންމެ އެކަށޭނެ ތެޅުންތެރިޔާ ކަމަށެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ފައިގެ ބައެއް އިނގިލިތައް ބިންދައިގެން ގޮސްފައިވާ ޚަބީބަކީ އެންމެ ބަލިކުރަން އުނދަގޫ އެތުލީޓް ކަމަށްވެސް ޔޫއެފްސީގެ ރައީސް ވިދާޅުވެފައި ވެއެވެ.
ޚަބީބުގެ ރިޓަޔާމަންޓާއެކު އޭނާ މުސްލިމުންނަށް ދިން މެސެޖުވެސް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. އެތައް ބައެއްގެ ތައުރީފު އޮހެމުންދަނިކޮށް ޚަބީބްގެ މީސް މީޑިއާގައި އޭނާ ކުރި ޕޯސްޓްގައި ބުނެފައި ވަނީ "ގަބޫލުކުރަން ޖެހޭނީ ﷲ ތިބާއާއެކުގައި ވާނެކަން. އަދި ﷲ ތިބާއާ އެކުގައިވާނަމަ، އެއްވެސް މީހަކަށް ތިބާ ބަލިކޮށް ނުލެވޭނެކަން،" މިހެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު