ޕްރިމިއާ ލީގުގައި އެންމެ ވާދަވެރި ދެ ކްލަބު ކަމަށްވާ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ ބޯ ވާރޭގައި އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގައި ގިނަ ހަމަލާތަކެއްވެސް ފެނިފައެއް ނުވެއެވެ. މެޗު ފެނިގެން ދިޔައީ ދެޓީމުންވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނު މެޗެއްގެ ގޮތުގައެވެ. އެއީ ދެޓީމަށްވެސް މި ސީޒަންގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންސްގެ މައްސަލަ ކަމަށް ވާތީއެވެ.
ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލިބުނު އެންމެ ފަހި ފުރުސަތު ލިބުނީ ރަޝްފޯޑަށެވެ. ފްރެޑް މެދުތެރެއިން ދިން ޕާހަށް ކުރިއަށް ޖެހި، މުޅިން ހުސްކޮށް އޮވެ ފޮނުވާލި ބޯޅަ ހުޝިޔާރުކަމާއެކު ދިފާއުކުރީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ގޯލްކީޕަރު އެޑުއާޑޯ މެންޑީއެވެ. މެންޑީ މިހާތަނަށް ޗެލްސީ ޖާޒީގައި ކުޅުނު ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދައްކާފައިވެއެވެ.
ފުރަތަމަ ހާފްގައި އެންމެ ބޮޑަށް ސަމާލުކަން ހުއްޓުނު ކަމަކީ ޗެލްސީގެ ހިލޭ ޖެހުމެއް ޑިފެންސް ކުރުމުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ސީޒާ އަޒްޕިލިކުއެޓާގެ ކަރުގައި ހިފި ހިފުމަށެވެ. ޔުނައިޓެޑްގެ އޭރިއާ ތެރެއިން ބޮލުން ޖަހަން ދެ ކުޅުންތެރިން އެކުގައި ކަހަލަ ގޮތަކަށް ފުންމައިގަތްއިރު، މެގުއާ އެރީ އަޒްޕިލިކުއެޓާ ކަރުގައި ބައްދައިގެންނެވެ. އެއީ ޕެނެލްޓީއެއް ކަމަށް ޗެލްސީގެ ބެންޗުންވެސް ބުނެފައިވާއިރު، އިތުރަށް ރިވިއު ކުރުމަށް ވީއޭއާރް ނުބެލީ ކީއްވެތޯ ކޯޗު ފްރޭންކް ލެމްޕާޑްވެސް ވަނީ ސުވާލު އުފައްދާފައެވެ.
"ކުޑަކޮށް އޭރިއާ ތެރެއިން ހިފެހެއްޓީއެއްވެސް ނޫން. ކަރުގައި އަތް އަޅާ ތިރިކޮށްލީ. ވީއޭއާރް ބެލޭނެ އިރުކޮޅެއް ތެރޭ. ދަނޑުގައި އެބަހުރި މޮނީޓަރުތައްވެސް ބަހައްޓާފައި. އެހެންވީމާ ވީއޭއާރް ބަލައި ޕެނެލްޓީއެއްވެސް ދޭން ޖެހޭނެ،" ޗެލްސީ ގެ ކޯޗު ލަމްޕާޑު މެޗަށްފަހު ބުންޏެވެ.
ރޭގެ މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑަށް މި ސީޒަނަށް ގުޅުނު އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ ނުކުމެފައިވާއިރު، އޭނާގެ ފަރާތުންވެސް ދެ ހަމަލާއެއް ފެނިފައި ވެއެވެ. އޭގެ އިތުރުން ފަހު ހާފްގައި ޔުނައިޓެޑްގެ ރަޝްފޯޑުގެ އިތުރު ހަމަލާއަކީ ޕޮގްބާގެ ހަމަލާތައް ފެނުނުއިރު، ދިފާއުކުރީ ޗެލްސީގެ ގޯލްކީޕަރު މެންޑީއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު