ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ޖަލުގައި ނުބަހައްޓައި ގެއަށް ބަދަލުކުރީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނިދަން އުނދަގޫވެ، އެކަމަށް ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބުގެ ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް އުޅޭ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެފައިވާ ކަމަށެވެ. އަދި އޭނާ ގެއަށް ބަދަލު ކުރީ ނިދުމަށް ހާއްސަ މެޝިނެއް ބޭނުން ކުރަންޖެހޭތީ ކަމަށްވެސް ވިދާޅުވިއެވެ.
"އަހުމަދު އަދީބު ނިދުމުގައި މައްސަލަތަކެއް ދިމާވޭ އަދި ފުއްޕާމެއާ ގުޅުން ހުރި މައްސަލަތަކެއް ނޭވާލުމުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވަނީ. ދެން މީގެ ކުރިން ޖަލުގެ ގޮޅިއަށް ވެއްޓި ކަންތައްތަކެއް ހިނގާފައިވޭ. ދެން އޭގެ ފަހުން ޑޮކްޓަރުން ދެއްވާފައިވޭ ނިދުމަށް މެޝިނެއް. އެ މެޝިނަކީ ޖަލު ތެރޭގައި ބޭނުން ކުރެވޭގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވެ ގޭގައި އެ މެޝިން ގާއިމުކުރެވިފައި ހުރި ކަމަށް ވަނީ. އެހެންވީމާ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފައި އަހުމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައި ވަނީ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޖަލުން މީހަކު ގެއަށް ބަދަލުކުރުމުގައި ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަންވެސް ބަލާ ކަމަށާއި އެކަމުގައި ޑޮކްޓަރުންގެ ލަފާ ހޯދާ ކަމަށެވެ.
އަދީބު ޖަލުގައި ހުންނަވަނިކޮށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. އެގޮތުން ލޮލުގެ ބައްޔަކަށްވެސް އަދީބު ވަނީ ބޭސް ކުރައްވައިފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު