އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
ނިހާނަކީ ކުރީ ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް އޮތް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ޕީޖީކަންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ނިހާން އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކުރިކަން އެ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
"ތަހުގީގަށް ނިހާން ހާޒިރު ކުރެވިފައިވޭ،" ވަރަށް ކުރުކޮށް، އިތުރު ތަފްސީލެއް ނުދެއްވައި އައްސަދު ވިދާޅުވިއެވެ.
ނިހާންގެ އިތުރުން ޕީޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކުރި ކަމަށް ވާހަކަ ފެތުރުނެވެ. ނަމަވެސް އަދުރޭ ހާޒިރުކުރި ކަމަށް ދެކެވޭ ވާހަކަ އައްސަދު ވަނީ ދޮގުކުރައްވައިފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކަށް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ހިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް އަދީބު ތުހުމަތުކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލްގަފޫރުގެ މައްޗަށެވެ. ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިރު، މިމަހުގެ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު