އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކު މިއަދު ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ސްކޫލަށް އަންގަވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، އޭއޭއޭގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކު މިއަދު ކޯހުން ވަކިކޮށްފައިވާތީ، އެ ދަރިވަރުންގެ ޓާމިނޭޝަން ލެޓާ އުވާލުމަށް މިނިސްޓަރު ނަހުލާ އައްޑޫ ފްލައިން ސްކޫލަށް އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ގަބޫލުކޮށް އެ ދަރިވަރުންގެ ޓާމިނޭޝަން އަލުން ރިވިއުކުރަން އެ ސްކޫލުން ނިންމައި، އެކަމާ ގުޅިގެން މިނިސްޓަރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ކޯހުން ވަކި ކުރި ދަރިވަރަކަށް އޭއޭއޭ އިން ފޮނުވި ސިޓީގައި ކޯހުން ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، 24 މަހުން ފުރިހަމަ ކުރަން ޖެހޭ ކޯހެއް، މުއްދަތު ހަމަވިއިރު ވެސް ނުނިންމުމެވެ. ނަމަވެސް ކޯހުން ވަކިކުރި ދަރިވަރަކު "ވަން" އަށް ބުނީ، އެމީހުން ވަކިކުރީ ސްކޫލާމެދު ޝަކުވާކޮށް، ޕެޓިޝަނެއްގައި ސޮއި ކުރި މައްސަލައިގައި ކަމަށެވެ.

ބޮޑު އަގު ނަގައިގެން ޕައިލެޓުން ތަމްރީނުކުރާ އޭއޭއޭގެ 86 ދަރިވަރުން ސޮއިކޮށް، ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި ސްކޫލުގައި ތަފާތު ކުރުމާއި ބިދޭސީންނަށް އިސްކަން ދިނުމާއި އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގުން ފަދަ ގިނަ ޝަކުވާތަކެއް ހިމަނާފައިވެ އެވެ.

އެ ޕެޓިޝަނާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭޕްރިލް 2019 އަދި މިއަހަރުގެ އޮކްޓޯބަރު މަހު އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ އޭޕްރިލް އިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާ ދެމެދު ވެސް އެކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.