ހއ. އިހަވަންދޫގެ ބަނދަރު ހެދުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އާޒިމް މިއަދު ވަނީ އެރަށަށް ވަޑައިގެންފަ އެވެ. އެރަށުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށާއި ސާމާނާއި އާލާތްތައް ނުގެނެވި މަސައްކަތް ލަސްވި ކަމަށެވެ.

ނަމަވެސް މިހާރު މަސައްކަތް ފުލް ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ސަރުކާރާއެކު ހަދާފައިވާ ކޮންޓްރެކްޓުގައިވާ ގޮތަށް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިހަވަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައި ރައްޔިތުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ އިހަވަންދޫއަކީ ދޯނި ފަހަރު ގިނަ ރަށަކަށް ވުމުން ބަނދަރު ހެދިގެންދާނީ ވީހާވެސް ގިނަ ދޯނި ފަހަރު އެޅޭ ގޮތަށް ކަމަށެވެ. އެއާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު 26ގަ އެވެ. އެއީ 51.72 މިލިއަން ރުފިޔާއަށެވެ.