ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ދެއްވި ޕްރެސް ކޮންފަރެންސެއްގައި އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކެޓަރީ ޑީން ތޯމްޕްސަން ވިދާޅުވީ މީގެ 50 އަހަރު ކުރިން ރާއްޖެއާއެކު ގާއިމްކުރި ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ގުޅުން ވަރަށް ރަނގަޅުވެފައިވާ ކަމަށެވެ.
އެގޮތުން ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހާއި މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑީން ވިދާޅުވި އެވެ.
"ޕޮމްޕެއޯގެ ދަތުރުފުޅުގައި ރައީސް ސޯލިހާއި ޝާހިދުއާ ބައްދަލުކުރައްވާނެ. އެ ދެބޭފުޅުންނަކީ (ރައީސް ސޯލިހާއި މިނިސްޓަރު ޝާހިދު) ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތަކާއި ސިވިލް ސޮަސައިޓީ ހަރުދަނާ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ދެބޭފުޅުން،" ޑީން ވިދާޅުވި އެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެވޭތީ އުފާ ކުރައްވާކަން ފާހަގަކުރައްވައި ޑީން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު