ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރިސޯޓްތަކާއި ސަފާރީ އަދި ގެސްޓްހައުސްތަކުގައި ސްޕްލިޓް ސްޓޭ ހެދުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.

ސްޕްލިޓް ސްޓޭއަކީ އެއް ފެސިލިޓިގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ދެވަނަ ތަނަކަށް ނުވަތަ އެއަށްވުރެ ގިނަ ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރުމެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި، ސްޕްލިޓް ސްޓޭގެ ހުއްދަ ފުރަތަމަ ދީފައިވަނީ ރިސޯޓްތަކަށް އެކަންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރާއްޖޭގައި ފަތުރުވެރިންނަށް ހިިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މިހާރު ސްޕްލިޓް ސްޓޭ ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މިހާރު ހޮޓެލް، ގެސްޓް ހައުސް އަދި ސަފާރީއަށް ދެވޭނެ އެވެ.

ސްޕްލިޓް ސްޓޭގެ ހުއްދަ ދިން ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންއަށް އަމަލުކޮށް، ކުރިއާލާ ހުއްދަ ނަގަން ޖެހޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 31،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.