ކ. ގުޅީފަޅު ބޭރުގައި އޮތް ބޯޓަކުން ވެއްޓި ބޯފަޅައިގެން ދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ ގުޅީފަޅާ ދިމާލު ބޭރުގައި ބަނދަރުކޮށްފައި އޮތް "ވިކްޓޯރިއާ 267" ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެކެވެ.

އޭނާ ވެއްޓި ބޯ ފަޅައިގެން ގޮސްގެން ސިއްހީ އަވަސް ފަރުވާއަށް މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މިއަދު މެންދުރު 12:10 ހާއިރު އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ. އުމުރުން 64 އަހަރުގެ އެ މީހާއަކީ ބައެއް ކަހަލަ ބަލިތައް ވެސް ހުރި މީހެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.