ޚަބަރު

އއ. ރަސްދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި

އެމްޑަބްލިޔުއެސްސީން އއ. ރަސްދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެރަށުގެ ފެނުގެ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ޕްލޭނިން މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯގެ ބޭފުޅުން މިއަދު އެރަށަށް ވަޑައިގެން ކަމަށާއި އެ މަސައްކަތް މިއަދު ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އއ. ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫއަކީ 30 މިލިއަން ރުފިޔާއަށް ފްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އއ. ރަސްދޫގެ ފެނުގެ ނިޒާމު ޑިޒައިންކޮށް، ރަށުގައި 6,288 މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި، ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، އެ ގެތަކަށް ފެނުގެ ކަނެކްޝަން ގުޅުއިދެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މީގެ އިތުރުން އާރް، އޯ ފެސިލިޓީ ބިލްޑިންއެއް ގާއިމުކޮށް، ފެން އުފެއްދުމަށްޓަކައި ދެ އާރް، އޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ ދެ ތާންގީ އަދި ވާރޭ ފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި، ވާރޭ ފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ އެއް ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ރަސްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.