ރިޕޯޓް

"އެސިސްޓް ކިންގް" އޮޒިލް، އާސެނަލުން ބާކީކުރީ ދީނީ ކަންކަމާއި އިންސާފަށް އަޑު އުފުލާތީބާ؟

1

އާސެނަލްއިން ޕްރިމިއާ ލީގުގެ ސްކޮޑާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް ޖަރުމަނުގެ ތަރި މެސުޓް އޮޒިލްއަށް ޖާގައެއް ނެތެވެ. އެއީ ހައިރާން ވެދާނެވެސް ކަމެކެވެ. އޮޒިލްއަކީ އާސެނަލްގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނާއެކު ކާމިޔާބުކުރި އުފެއްދުންތެރި މިޑްފީލްޑަރެވެ. ފަހުގެ ތާރީހުގައި އާސެނަލް ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ޒަމާނީ މިޑްފީލްޑަރުންނަށް ބަލާއިރު، އޮޒިލްއަކީ ގުނާލެވޭނެ ހުނަރުވެރިއެކެވެ. ރެއާލް މެޑްރިޑުން ވިދާލައި، އާސެނަލްއަށް ގޮސް، އޮޒިލް ވެފައި ވަނީ މުޅި ދުނިޔޭގެ ފުޓުބޯޅައިގެވެސް "އެސިސްޓް ކިންގް" އަށެވެ.

އާސެނަލްގެ ސަޕޯޓަރުންނަށް ދަނޑުމަތީގައި އެތަކެއް ޖާދޫއެއް ދެއްކި އޮޒިލް، މިއަދު ސްކޮޑުން ބޭރުވެ، ކްލަބާ އެތައް މައްސަލަތަކެއް ޖެހި، "ބިކަވެ އެކަހެރިވީ"، ކޯޗު މިކޭލް އާޓެޓާ ބުނެފައިވާ ގޮތުން "ފުޓުބޯޅަ ނިންމުމަކުން"ނެވެ. އެކަމަކު ކަންހިނގާ ދިޔަގޮތުން، އެ ފުޓުބޯޅަ ނިންމުމަކީ ބޮޑު ސުވާލެކެވެ. އާސެނަލްއިން 25 ކުޅުންތެރިން ނަގާއިރު އެ ސްކޮޑުގައި އޮޒިލް ނުހިމެނެނީ ހަމައެކަނި ކުޅުމުގެ ފެންވަރަށް ބަލައިފަތޯ ސުވާލު އުފެއްދޭނެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ.

އިންސާނީ ހައްގުގައި، މުސްލިމުންގެ ހައްގުގައި ހަރުއަޑުން ބަސްބުނާ އޮޒިލް ސްކޮޑުން އުނިކުރުމުގައި އެ މައްސަލަތަކަށް އާސެނަލްއިން ރިއާޔަތް ކުރި ކަމަށް ބެލެވޭނެ ޖާގަވެސް އެބައޮތެވެ. ކޮވިޑް 19ގެ ހާލަތުގައި މުސާރަ ކުޑަ ކުރުމަށް އާސެނަލްއިން އެދުމުން އޮޒިލް އިންކާރުކުރި ކުރުމާ، އާސެނަލްއިން ކްލަބު މެސްކޮޓް ފޮނުވާލަން އުޅުމުން، އެކަމުގެ ތެރެއަށް ވަދެ، އާސެނަލްއަށް ގޮންޖަހާލި ގޮންޖަހާލުމަކީ އޮޒިލް ސްކޮޑުން ބޭރުވުމުގެ ސަބަބުތަކުގައި ހިމެނޭ ކަންތައްތައް ކަމުގައި ބެލެވޭނެ ޖާގަ ނުހަނު ބޮޑަށް އެބައޮތެވެ. އެވާހަކަތައް މިއަދު ވަނީ މީޑިއާއަށް ވަނީ ތިލަވެސް ވެފައެވެ.

ޗައިނާ މުސްލިމުންގެ ދިފާއުގައި ބަސް ބުނުން، ޗައިނާގައި އާސެނަލްގެ މެޗެއް ބޭން ކުރުން

"އާސެނަލްގެ ނިންމުމާއެކުވެސް ވިސްނުމަކަށް ބަދަލެއް ނާންނާނެ ކަމަށް ބުނަން. ބުރަކޮށް ތަމްރީނުތަކަށް މަސައްކަތް ކޮށް، އިންސާނީ އިންސާފަށް އަޑުއުފުލޭނެ ކޮންމެ މައިދާނެއްގައި އެ އަޑު އުފުލާނަން،" މި ވާހަކައަކީ އާސެނަލް ސަޕޯޓަރުންނަށް އޮޒިލް ދިން މެސެޖުގައި ހިމަނާފައިވާ މާނަ ފުން ވާހަކައެކެވެ.

އެ އިބާރާތްތަކުން ދޭހަ ވެގެންދަނީ ޗައިނާގެ އުއިގާ މުސްލިމް އާބާދީއަށް ކުރިމަތިކުރަމުން ދިޔަ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އޭނާ އަޑު އުފުލި އުފުލުމުގައި ސާބިތުވެ ހުންނާނެ ކަމެވެ. މިދިޔަ ޑިސެންބަރު މަހު އިންސްޓާގްރާމް މެދުވެރިކޮށް އުއިގާގެ ގާތްގަނޑަކަށް މިލިއަން މުސްލިމުންނަށް ހައްޔަރުގައި ލިބެމުންދިޔަ އަނިޔާތަކާ ދެކޮޅަށް އޮޒިލް ވަނީ ވާހަކަ ދައްކާފައެވެ. އެކަމުގެ ރޯޅި ޗައިނާ ސަރުކާރުން ވަނީ އާސެނަލަށްވެސް ބާލާލާފައެވެ. ޗައިނާގައި ޕްރިމިއާ ލީގު ދައްކަމުން އަންނަ ގައުމީ ޓީވީ، ސީސީޓީވީގެ ޝެޑިއުލްގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗު ދައްކާ ގޮތަށް އޮތް ނަމަވެސް، އެ މެޗު ނުދައްކަން ނިންމީ އޮޒިލް ކުޅޭތީއެވެ. އޭގެ ސަބަބުން އާސެނަލްއަށް ބިލިއަނެއްހާ މީހުންގެ އޯޑިއަންސެއް ގެއްލި، ޓީވީ ރައިޓްސްގެ ފައިދާއިން ގެއްލުންތަކެއް ވެދާނެ ކަމަށް ބެލެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގައި އާސެނަލް ވެރިންގެ ބައެއް ރެސްޓޯރަންޓްތައްވެސް ހުރިއިރު، ކްލަބުން ވަނީ އޮޒިލްގެ ވިސްނުމާ ކްލަބު ދުރުގައި އޮތްކަން ވަގުތުން ހާމަކޮށްފައެވެ. ކްލަބުން ނެރުނު ހާއްސަ ބަޔާނުގައި ވަނީ އޮޒިލް ހާމަކުރީ އާސެނަލްއާ ގުޅުން ނެތްކަމުގެ ހިޔާލުތަކެއް ކަމަށާއި، ކްލަބުން އަބަދުވެސް ސިޔާސީ ކަންކަމުން ދުރުވެ، އާންމު އުސޫލުތަކުގައި ހިފާނެ ކަމަށެވެ.

ތުރުކީގެ އާއިލާއަކަށް އުފަން، ތުރުކީއަށް އިންތިހާއަށް ލޯބިކުރާ އޮޒިލް ޖަރުމަނުގެ ގައުމީ ޓީމުންވެސް ބާކީވެގެން ދިޔައީ ސިޔާސީ ސަބަބުތަކަށް ޓަކައެވެ. ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އާއި އޮޒިލްއާ އޮންނަ ހާއްސަ ގުޅުމެއްގެ ތެރެއިން، އޮޒިލް އުރުދުގާންއާއެކު ނެގި ފުޓޯއެއްގެ މައްސަލަ ހޫނުވެ، އޮޒިލް ތުރުކީއާ ބާއްވާ ގުޅުން ޖަރުމަނު ފެޑަރޭޝަނަށް ކުށްވެރި ވިއެވެ. އެ މައްސަލަތަކުގައި ކެތްނުވެގެން އޮޒިލް ގައުމީ ޓީމުން ދުރަށް ޖެހެން މަޖުބޫރު ކުރުވިއެވެ.

"އާސެނަލްއަށް ދިން ވަފާތެރިކަމުގެ ބަދަލެއް ނުލިބުނު. ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ނުވުމަށް އެދުނު. މި ދައްކަނީ ސިޔާސީ ކަމެއްގެ ވާހަކައެއް ނޫން. އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ފެށި ކެމްޕޭނުގައި އެންމެން ބައިވެރިވޭ. އެއީ ރަނގަޅު ކަމެއް. އިންސާފާ ހަމަހަމަ ކަމަށް މި އަޑުއުފުލަނީ. އެކަމަކު އަހަރެން އުންމީދު ކުރަނީ މުސްލިމުންނަށްވެސް އެ އިންސާފު ލިބޭނެ ދުވަހަކަށް. މުސްލިމް ލައިވްސް މެޓާސް،" އޮޒިލް ބުނެފައި ވެއެވެ.

ކޮވިޑް 19ގެ ހާލަތުގައި މުސާރަ ކުޑަކުރަން އެއްބަސް ނުވުން؟

2018 ވަނަ އަހަރު އޮޒިލް އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން އާކުރީ 2021 އާ ހަމައަށެވެ. އެއްބަސްވުމުގެ މުސާރައަކީ ހަފްތާއެއްގެ މައްޗަށް 350،000 ޕައުންޑެވެ. މުޅި ޕްރިމިއާ ލީގުގެވެސް އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔަކީ އޮޒިލްއެވެ. މިހާރުގެ ކޯޗު އާޓެޓާ ޓީމާ ހަވާލުނުވަނީސް އޮޒިލް ކޮންޓްރެކްޓް އާކުރި އިރުވެސް ޓީމުން އޭނާގެ ބޭނުން މާބޮޑަށް ކޮށްފައެއް ނުވެއެވެ. އާޓެޓާ ހަވާލުވިފަހުން 13 މެޗުގެ ފުރަތަމަ 11 ގައި އޮޒިލް ހިމެނުނުނީ ކޮވިޑް 19 ބްރޭކް ކުރިންނެވެ. އޭގެ ފަހުން އޮޒިލް ގެއްލުނީއެވެ.

ކޮވިޑް ތެރޭގައި އާސެނަލްގެ ކުޅުންތެރިންގެ މުސާރައިގެން 12.5 ޕަސެންޓް އުނިކުރުމަށް ކްލަބުން އެދުނެވެ. އެކަމަށް އިންކާރު ކުރީ އޮޒިލް އެކަންޏެވެ. ކުރީގެ މައްސަލަތަކާ ހުރެ، އޮޒިލް އެކަމަށް އިންކާރު ކުރި ނަމަވެސް، އޮޒިލް ޓީމުން ބޭރުކުރީ އެ ސަބަބަށްޓަކައި ނޫން ކަމަށް ކޯޗު އާޓެޓާ ބުނެފައި ވެއެވެ.

"އޮޒިލް ސްކޮޑުން ބާކީ ކުރީ އަހަރެން. އެއީ އޮޒިލްގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ދިމާވެގެން ނޫން. އަދި މުސާރައިގެ ކަންތަކޭ ކިޔާނަމަ، އެއީވެސް ހުސް ދޮގު. އޮޒިލް ބޭރުކުރީ ފުޓުބޯޅަ ނިންމުމަކުން. އެއީ އަދި އެންމެ އިންސާފުންވެސް ކުރި ކަމެއް ކަމުގެ ޔަގީންކަން ދެން. އަހަރެންގެ އަމިއްލަ ނިންމުމެއް އެއީ ކޯޗެއްގެ ހައިސިއްޔަތުން،" އާޓެޓާ ބުނެފައި ވެއެވެ.

އޮޒިލްއަށް ކުރިމަތިވަމުންދިޔަ ޕްރެޝަރާއެކު އޭނާގެ ކުޅުން ދަށްވިކަން އެންމެވެސް ގަބޫލުކުރާނެއެވެ. އެންމެފަހުން އާސެނަލްއަށް ކުޅުނު 42 މެޗުގައިވެސް އޮޒިލްއަށް އެންމެ ހަތަރު އެސިސްޓް ހެދުނުއިރު، އެވަރުންވެސް އޮޒިލްއަކީ އެންމެ ގިނަ ފުރުސަތު އެޓޭކިން ތާޑުގައި އުފެއްދި ކުޅުންތެރިޔާއެވެ. އާޓެޓާގެ ސްޓައިލަށް އޮޒިލް ފިޓް ނުވި ނަމަވެސް، ސުވާލަކީ ޖޯ ވިލޮކާއި މުހައްމަދު އެލްނިނީއަށްވުރެ ވެސް އޮޒިލް ބޭކާރުތޯ ކުރެވޭ ސުވާލެވެ.

އުމުރުން 32 އަހަރުގެ އޮޒިލްއަކީ ތަމްރީނުތަކުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔާ ނޫންކަން ކުރިންވެސް އެނގެއެވެ. އެއީ ބައެއް މޮޅެތި ކުޅުންތެރިން ގެންގުޅޭ އާދައެކެވެ. އެކަމަކު މެޗެއްގެ ނަތީޖާ އަނބުރާލައި، މުހިއްމު ރޯލެއް މެދުތެރެއިން ކުޅުމަށް އަދިވެސް އޮޒިލް ވަރުގެ ކުޅުންތެރިޔަކު އާސެނަލްގައި ނެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާތަނަށް މި ސީޒަންގައިވެސް އާސެނަލްގެ ޕިއޭ އެމްރިކް އަބަމަޔާންގަށް ގޯލަށް އަދި ހަ ޝޮޓް ހެދުނުއިރު، އޭނާއަށް ފުރުސަތު ތަނަވަސްކޮށްދިނުން އިންތިހާއަށް މަދެވެ. އެކަމަކުވެސް އޮޒިލް ބޭރުކުރީ ހަމަ ފުޓުބޯޅަ ނިންމުމަކުންތޯ، އެއީ ގިނަ ބަޔަކު ކުރާނެ ދުވާލެކެވެ.

މެސްކޮޓް މައްސަލައިގައި ބަދުނާމުވީ އާސެނަލް

އާސެނަލްގެ މެސްކޮޓު ގުނަސަރަސްގެ ވާހަކައިން މުޅި މީސް މީޑިއާ ފުރާލީ އާސެނަލްއަށް އެންމެ ރަނގަޅު ޕީއާރެއްގެ ގޮތުގައެއް ނޫނެވެ. އެމިރޭޓްސް ސްޓޭޑިއަމްގެ މަގުބޫލު މެސްކޮޓުގެ މުސާރައަށް ހިނގާ ހަރަދު ބޮޑު ކަމަށްބުނެ، އާސެނަލްއިން މެސްކޮޓްގެ ވަޒީފާގައި މަސައްކަތް ކުރާ ޖެރީ ކޫ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާއެކު ގުނަސަރަސްގެ ވާހަކަ މީޑިއާގައި ދެކެވެން ފެށިއެވެ. އެ މެސްކޮޓަކީ އާސެނަލްގައި 27 އަހަރު ހޭދަކޮށްފައިވާ މެސްކޮޓަކަށްވާ އިރު، އެހެން ކްލަބުތަކުންނާއި މުޅި ފުޓުބޯޅަ ދުނިޔެވެސް ވަނީ އާސެނަލްގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެ ވާހަކަތަކަށް އޮޒިލް ރައްދު ދިނީ ތަފާތު ގޮތަކަށެވެ. އިންސާނިއްޔަތުގެ ވިސްނުން އިސްކޮށް، މެސްކޮޓް އާސެނަލްގައި މަޑުކުރުވީ އޮޒިލް އަމިއްލައަށް މުސާރަ ދޭ ގޮތަށެވެ. އޮޒިލް ބުނެފައިވަނީ އޭނާ އާސެނަލްގައި ހުރިހާ ދުވަހަކު މެސްކޮޓްގެ ވަޒީފާގައި މަސައްކަތް ކުރާ ޖެރީ ކްލަބުގެ ވަޒީފާގައި ބަހައްޓާނެ ކަމަށެވެ.

"އާސެނަލްގެ ވަފާތެރި މެސްކޮޓް ގުނަސަރަސްގެ ވަޒީފާ އަދާކުރަމުން އަންނަ ޖެރީ ކޫ، ސަޕޯޓަރުން ނުވަންނަ ކަމަށްބުނެ ވަޒީފާއިން ވަކި ކުރަން އާސެނަލްއިން ނިންމުމުން ވަރަށް ބޮޑަށް ހިތާމަކުރިން. އެއީ 27 އަހަރުގެ އަގުހުރި ހިދުމަތެއް ކްލަބަށް ކޮށްދީފައިވާ ފަރާތެއް. އަހަރެން މި ހުށަހެޅީ އަހަރެން އަމިއްލައަށް މެސްކޮޓްގެ ހުރިހާ މުސާރައެއް ދޭން. އަހަރެން އާސެނަލްގައި ހުރިހާ ދުވަހަކު އެކަން ކޮށްދޭނަން،" އޮޒިލް ބުނެފައި ވެއެވެ.

"އޮޒިލްގެ ނިންމުމާއެކު އާސެނަލްވީ ލަދަކަށް،" އާސެނަލްގެ ކުރީގެ ތަރި ޕައުލް މާސަން ބުނެފައި ވެއެވެ. ގިނަ ބަޔަކު ސިފަކުރީ މެސްކޮޓްގެ މުސާރަ ދޭން އޮޒިލް ނިންމީ އާސެނަލްގެ ޕީއާރް ހުތުރު ކޮށްލުމަށް ކަމަށެވެ.

އޮޒިލްގެ އާސެނަލް ކޮންޓްރެކްޓްގައި އަދިވެސް އަށް މަސް ބާކީ އެބައޮތެވެ. ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގުގެ ސްކޮޑުގައިވެސް އޮޒިލް ހިމަނާފައި ނެތުމުން އޭނާއަށް މެޗުތައް ކުޅެވޭނީ 23 އަހަރުން ދަށުގެ ޓީމަށް އެކަންޏެވެ. އަށް މަހަށް އޮޒިލްގެ މުސާރައަށް 13 މިލިއަން ޕައުންޑް އާސެނަލް ދޭން ޖެހޭއިރު، ފެބްރުއަރީއާ ހަމައަށް އޮޒިލް ސްކޮޑަށް އިތުރުކުރުމަށްވެސް އާސެނަލްއަށް ފުރުސަތެއް ނެތެވެ. އާސެނަލްއިން ކޮންޓްރެކްޓް އުވާލަން ބޭނުންވި ނަމަވެސް އޮޒިލްގެ ފަރާތުން ފުލް މުސާރައަށް ޑިމާންޑް ކުރިކަމަށް މީގެ މަހެއްހާ ދުވަސްކުރިން ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އާސެނަލްއަށް އެތަކެއް ހިނިތުންވުމެއް ގެނެސްދިން އޮޒިލް، ބާކީވެގެން ދިޔައީ ހަމައެކަނި ފުޓުބޯޅަ ނިންމުމަކުން ނޫންކަން ސާފުވާވަރަށް ސަބަބުތައް ގިނައެވެ. އޮޒިލް ނެގި ސްޓޭންޑްގެ ސަބަބުން އޭނާ ބާކީވެގެން ދިޔައިރު، އެކަމާ އަޑު އުފުލާނެ ބަޔަކު ނެތްކަން ގިނަ ފޭނުން އަންނަނީ ފާހަގަކުރަމުންނެވެ. އޮޒިލްގެ ސްޓޭންޑް ބަދަލެއް ނުވެއެވެ. އޮޒިލްގެ ކެރިއަރު ހަރާބުވެގެން ދިޔުމުގައި ސިޔާސީ، ދީނީ ހިޔާލުތަފާތުވުންތަކެއް، ވިޔަފާރީގެ ކޮޅުތަކެއްގެ ނުފޫޒުގެ ކަންކަން އިންތިހާއަށް ބޮޑުކަން ޔަގީނެވެ.