ވިޔާނުދާ އާދަތަކުން ދުރުވެ މުޖުތަމައު ބަލައިގަންނަ ޒުވާނުންތަކަކަށްވުމަށް އެންމެހާ ޒުވާނުންނަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގޮވާލައްވައިފިއެވެ.
މަހްލޫފު މިކަމަށް ގޮވައިލެއްވީ ޒުވާނުންގެ ދުވަހާ ގުޅިގެން މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މޯލްޑިވްސް ޔޫތު ކޭމްޕް ފެށުމުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކާމިޔާބު ހާސިލް ކުުރުމަށްޓަކައި، ބޭންވާ މަންޒިލަށް ކުރާ ދަތުރުގައި ގިނަ ގޮންޖެހުންތަކަކާއި ދަތި އުނދަގޫ ކަންތައްތައް ކުރިމަތިވާނެ ކަމަށެވެ.
ކޮންމެ ޒުވާނަކުވެސް އަޒުމް ކަނޑައަޅަން ޖެހޭނީ އެ ދަތި އުނދަގޫތައް ގިރާކޮށް ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތް ކުރަން ކަމަށާއި އެގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެ ޒުވާނަކުވެސް އަޒުމް ކަނޑައަޅަންވީ، ދިމާވާ ދަތި އުނދަގޫތައް ގިރާކޮށް ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ހިތްވަރާއެކު ނުގުޑާފަދަ އަޒުމެއްގައި މަސައްކަތްކޮށްފިނަމަ ކޮންމެ ޒުވާނަކަށް ވެސް ވަކި ގިންތިއެއް، އަދި ވަކި ފަންތިއެއް ނެތި އެފުރުސަތު އޮންނާނެ ކަން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ހުރިހާ ޒުވާނުންނަށް ޔަގީންކޮށް އަރުވަން،" މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޒުވާނުންނަކީ އަންހެނުންނާއި ފިރިހެނުން ކަމަށާއި ނަމަވެސް އެމަނިކުފާނު ރަށްރަށަށްވެސް ވަޑައިގެން ބާއްވަވާ ބައްދަލުވުންތަކުގައި އަންހެން ބޭފުޅުން މަދުކަން ފާހަގަ ވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދެޖިންސުގެ ތަފާތު ކުރުމެއްނެތި، ތައުލީމާއި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ރަނގަޅު ނަތީޖާވެސް ފެންނަމުން އަންނަ ކަމަށެވެ. ވަކި ކުޅިވަރެއް ތަފާތު ނުކޮށް ކުޅިވަރުތައް ތަރައްގީ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް