ދޮގު ވާހަކަ ފަތުރައި އާއްމުންގެ މެދުގައި ހާސްކަމާއި ނަފްރަތު އުފައްދާ ކަމުގެ ތުހުމަތުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ކަންގަނާ އާއި އޭނާގެ ދައްތަ ރަނގޯލޯ ޗެންދަލް އާއި ދެކޮޅަށް ބާންޑްރާ ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށަހަޅާފައި ވަނީ ބޮލީވުޑް ކާސްޓިން ޑައިރެކްޓަރެއްގެ އިތުރުން ފިޓްނެސް ޓްރެއިނާއެއްގެ ގޮތުގައި މަސައްކަތް ކުރާ މުނައްވަރާލީ ސާހިލް ސައްޔެދު އެވެ.

ކަންގަނާ އަދި އޭނާގެ ދައްތައާ ދެކޮޅަށް ސައްޔެދު ހުށަހެޅި މައްސަލައިގައި ވަނީ ކަންގަނާ އަދި އޭނާގެ ދައްތަ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އަގު ވެއްޓޭ ފަދަ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންގެންދާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނާ ދޭތެރޭ އާއްމުންގެ ހިތުގައި ނަފްރަތު އުފައްދާ ކަމުގެ ތުހުމަތު ވެސް ސައްޔެދު ވަނީ ކޮށްފައެވެ.

ކަންގަނާ އަދި އޭނާގެ ދައްތަ މިމަހުގެ 26 އަދި 27 ވަނަ ދުވަހު ބާންޑްރާ ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވާފައިވާއިރު، މީގެ ފަސް ދުވަސް ކުރިން ބާންޑްރާގެ މެޓްރޯޕޮލިޓިޝަނެއް ކަމަށްވާ މެޖިސްޓްރޭޓް ޖޭ ވައި ގޫލް ވަނީ ކަންގަނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ބާންޑްރާގެ ފުލުހުންނަށް ގޮވާލައިފައެވެ.