ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތ. ތިމަރަފުށީގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފި އެވެ.

ބީއެމްއެލުން ބުނީ، އަތޮޅުތެރޭގައި ގާއިމްކުރާ އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ތިމަރަފުށީގައި ގާއިމްކުރި އޭޓީއެމްގެ ހިދުމަތާއެކު ތ. އަތޮޅުގެ ތިން ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލުން ބުނީ، މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ތިމަރަފުށީގައި ގާއިމްކުރި ސެންޓަރުގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ފައިސާގެ މުއާމަލާތް ކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން މިހާރު ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސާވިސް ބޭންކިން ސެންޓަރު، 124 އޭޓީއެމް، 200 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ. އަދި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.