ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "ސީހޯމް ސެފެޔާ" ނަގަން ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓް އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާ ދެކޮޅަށް ކުރި ދައުވާގައި، ތިން މަސްދުވަހުގެ ތެރޭގައި 597800 ޔޫއެސް ޑޮލަރު ޕާކްވަން އިންވެސްޓްމަންޓް އަށް ދެއްކުމަށް ޖީއެމްއައިޒެޑްއެލް ގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
ޕާކްވަން އިންވެސްޓްމަންޓް އިން ޖީއެމްއައިޒެޑްއެލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އެ ކުންފުންޏަށް ހައްގުވެގެންނުވާ ބޯޓެއް ކ. ތިލަފުށީގައި އޮއްވައި އެއީ އެފަރާތުގެ އުޅަނދެއް ކަމަށް ދައްކައިގެން އޭތި ސެލްވޭޖު ކުުރުމާއި އޭގެ މިލްކުވެރުކަމުގެ ހައްގު ޕާކްވަން އިންވެސްޓްމަންޓަށް ލިބޭގޮތަށް 16 އޭޕްރީލް 2019ގައި ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް ޖީއެމްއައިޒެޑްއެލުން ކަން ކޮށްފައިނުވާތީ އެކަމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ، އެ އުޅަނދު ސެލްވޭޖު ކުރުމުގެ މަސައްކަތް ކުރުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް އޭތި ސެލްވޭޖުކޮށް ތިލަފުއްޓާއި ގުޅީފަޅުގެ އޭރިޔާއިން ނެގުމަށާއި އެ މަސައްކަތުގެ އުޖޫރައަކީ ނުވަތަ މުގާބިލެއްގެ ގޮތުގައި ޕާކްވަންގެ ފަރާތުން ބޭނުންވާ ގޮތަކަށް މަންފާ ހާސިލް ކުރުމަށްޓަކައި އެ އުޅަނދުގެ މިލްކުވެރިކަން ޕާކްވަން އަށް ލިބޭ ގޮތަށް އެއްބަސްވެ، ދެ ކުންފުންނާ ދެމެދު 16 އޭޕްރީލް 2019 ގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ސެލްވޭޖްކޮށް ތިލަފުށީގައި އޮންނަ ބޯޓުޔާޑަކަށް އެ ބޯޓު އަރުވާފައިވާ ކަމަށާއި އެ ބޯޓުގެ ބައިތައް ބާ ދަނގަނޑުގެ ގޮތުގައި ވިއްކާލުމަށް ޕާކްވަންގެ ފަރާތުން ބޯޓު ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފުލުހުން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އެކަން ހައްލުކޮށްދިނުމަށް ޖީއެމްއައިޒެޑްއެލް އަށް އެކަން އެންގުމުން އެ ކުންފުނީގެ ފަރާތުން މައްސަލަ ހައްލުކޮށް އެއްބަސްވުމާއި އެއްގޮތަށް އަމަލު ކޮށްފައިނުވާ ކަމަށާއި އެބޯޓު ޕާކްވަން އަށް ލިބޭގޮތް ހަދައިދީފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އެއްބަސްވުމާ އެއްގޮތަށް ބޯޓުގެ މިލްކުވެރިކަން އެކުންފުންޏަށް ނުލިމުން އެ އުޅަނދު ވިއްކާލައިގެން ލިބެން އޮތް ކަމަށް ލިޔުންތަކުން އެނގެން އޮންނަ ފަސްލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ އެމެރިކާ ޑޮލަރުގެ މަންފާ ލިބިފައިނުވާތީ އެ ފައިސާއަކީ ކުންފުނިން ކުރި މަސައްކަތުގެ މުގާބިލުގެ ގޮތުގައި ލިބެންޖެހޭ އެއްޗެއް ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މިއަދުން ފެށިގެން ތިން މަސްދުވަހުގެ އެ ފައިސާ ޕާކްވަން އިންވެސްޓްމަންޓް އަށް ދެއްކުމަށް ޖީއެމްއައިޒެޑްއެލްގެ މައްޗަށް ވަޏީ ހުކުމްކޮށްފަ އެވެ.
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން