ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޔައުގޫބު މަޖިލީހަށް ހާޒިރުވުން މަނާކުރުމުގެ ވަގުތީ އަމުރެއް، ސުޕްރީިމް ކޯޓުން ނެރެއެއް ނުދިނެވެ.

ޔައުގޫބުގެ މެންބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި އެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަން ގަބޫލު ކުރެއްވުމުންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްއަދު ޝަރީފް، ވެސް އިތުރު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވާފައިވެއެވެ.

އެހެންކަމުން މިއަދު މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއައީ އެއް އެއް އަޑުއެހުމެއްގެ ގޮތުގައެވެ.

މިއަދުގެ ޝަރީ އަތުގެ މަޖިލީހުގައި، ޔައުގޫބު މަޖިލީހަށް ހާޒިރުވުން މަނާކުރުމުގެ ވަގުތީ އަމުރު ދެވެންނެތް ސަބަބު ހާމަކޮށްދެއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެ އަމުރު ނުނެރުނު ކަމުގައި ވިޔަސް މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތުން ކަމަށެވެ.

އެ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައެޅުއްވުމަށްފަހު، ދެ ފަރާތުން ވާހަކަ ދެއްކެވުމަށް މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި ފުރުސަތު ދެއްވިއެވެ. އަދި ފަނޑިޔާރުން ވަނީ އެ މައްސަލައިގައި، ވަކީލުންނާ ސުވާލު ކުރައްވައި ބައެއް ކަންކަން އޮޅުން ފިލުއްވައިފައެވެ.

މައްސަލަ ރައްދުވާ މެންބަރު ޔައުގޫބުގެ ފަރާތުން ވާހަކަ ދެއްކެވި ޔައުގޫބުގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވީ، ރައްޔިތުންގެ ޔައުގޫބުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

އެކަމަށް ރައުޔު ނެރުއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ އެ މައްސަލަ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން، ފަނޑިޔާރުގެ ބެޗުގައި އިންނެވި، އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ކުރައްވާނެ ސުވާލުތަކަށް ތައްޔާރުވެގެން ވަކީޅުން ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮޅުންފިލުވަންޖެހޭ ކަންތައްތައްވެސް ސުއޫދު ވިދާޅުވެދެއްވިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވި ހަލީމު ވިދާޅުވީ އެ މައްސަލަައަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައިވާތީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ.