ދައުލަތުގެ އެކި އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ މީހުން ނުހިމެނުމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން އަންގައިފި އެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މި ނިންމުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިއާޔަތް ކޮށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ މި ނިންމުމާއެކު ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމުކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނު ކުރެވޭ ބޭފުޅުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާގައި ވާ ގޮތުން ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އޮފީސް ތަކުގެ ބިޑް ކޮމިޓީ ތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުމަށް ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމެޓީއެއް އޮންނަން ޖެހެއެވެ.
އެގޮތުން ދައުލަތުގެ އޮފީހެއްގައި ބިޑް ކޮމިޓީއެއް އުފެއްދުމަށްފަހު، އެ ކޮމިޓީއަށް އައްޔަނު ކުރާ މީހުންނަކީ އެ ކޮމިޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތާއި ތަޖުރިބާ ހުރި މީހުންނަށް ވާން ޖެހޭ ކަމަށް މި ގަވައިދުގައި ވެއެވެ. އަދި މި ގަވައިދުގައި ވާ ގޮތުން އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައި ވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކަށް މި ކޮމިޓީގައި ބައިވެރިއެއް ނުވެވޭނެއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް