ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން، އައިޓީޔޫ އާއި ވިއެޓްނާމްގެ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ވާހަކަދައްކަވަމުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި ބައްދަލުވުމުގައި އައިޓީޔޫގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު، ވިއެޓްނާމްގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު ގުޔެން މަން ހުންގް، ވިއެޓްނާމްގެ ޕްރައިމް މިނިސްޓަރު ގުޔެން ޒުއަން ފުކް އަދި އެހެނިހެން ގައުމުތަކުގެ ޓެކްނޯލޮޖީ އާއި ބެހޭ މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތުގައި ޓެކްނޮލޮޖީން އަދާކުރާ ދައުރުގެ އިތުރުން އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޯލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަން މަޝްވަރާ ކުރެވުނު ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު މަލީހް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ދިމާވި އެކި ގޮންޖެހުންތައް ފާހަގަ ކުރެއްވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ފާހަގަ ކުރިއެވެ. އަދި މި ދަނޑިވަޅުގައި އައިސީޓީ ވެގެން ދިޔައީ ވަރަށް ބޮޑު އެހީތެރިއަކަށް ކަމަށާއި، ރައްޔިތުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ޓެކްނޮލޮޖީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް 19ގެ މި ހާލަތުގައި އިންޓަނެޓުގެ ބޭނުން މުހިއްމު ވުމާއެކު ސަރުކާރާއި އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މަސައްކަތް ކުރީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ.

ލޮކްޑައުން ދުވަސްވަރު ފްރީ ޑޭޓާ އެލަވަންސް، ރީޗާޖު ކުރުމުން ޑިސްކައުންޓް އަދި ބިލަށް ފައިސާދެއްކުން ފަސްކުރެވޭނެ ގޮތް ފަދަ މުހިއްމު ހިދުމަތްތައް ދީފައިވާ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ. ނަމަވެސް ކޮވިޑް 19ގެ ސަބަބުން އިންޓަނެޓް ބޭނުން ކުރާ މިންވަރު ދެގުނަ ވެގެން ދިއުމާއެކު، ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ސާވިސްތަކަށް ބަލާއިރު، އިންޓަނޭޝަނަލް ކަނެކްޓިވިޓީއަަކީ ބޮޑު ހަރަދެއް ދާ ކަމެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަ ކުރުމުގެ ގޮތުން ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.