ނާސާގެ ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު އެސްޓެރޮއިޑް "ބެންނު" އަށް ތިރިކޮށްފިއެވެ.

ނާސާގެ "އޮސިރިސްރެކްސް"ގެ ނަމުން ނަން ދީފައިވާ ޖައްވީ އުޅަނދު "ބެންނު" އަށް ތިރިކޮށްފައި މިވަނީ ދެ އަހަރު ވަންދެން އެ އެސްޓެރޮއިޑް ކައިރީގައި ދަތުރުކުރުމަށް ފަހުގައެވެ.

އެސްޓެރޮއިޑް "ބެންނު" ގެ މިޝަންގައި ނާސާގެ ޖައްވީ އުޅަނދުން "ބެންނު" ގެ ތަހުލީލުތައް ކުރުމަށް ސާމްޕަލްތަކެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ސާމްޕަލްތައް ނެގުމަށްފަހު ޖައްވީ އުޅަނދު ދުނިޔެއާ އައުމަށް މިސްރާބު ޖަހައި، 2023 ވަނަ އަހަރު ދުނިޔެއަށް ފޯރާނެ ކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޖައްވީ އުޅަނދުން ދެ ކިލޯގެ ސާމްޕަލް "ބެންނު" އިން ނަގާނެއެވެ.

ނާސާގެ އެ މިޝަންގެ އިސްފަރާތް ޑާންޓޭ ލައުރެއްޓާ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިހާތަނަށް އެ މިޝަންގެ ހުރިހާ ކަމެއްވެސް ދިޔައީ ރޭވިފައިވާ ގޮތަށް ކަމަށެވެ. އަދި ކާމިޔާބު ކަމާއެކު "ބެންނު" އަށް ތިރިކޮށް "ބެންނު" ގައި މަސައްކަތް ފެށުމުން މުޅި ނާސާ އެކަމަށް ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ.