ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ވަރުގަދަ ޕީއެސްޖީ ބަލިކޮށްފިއެވެ.

ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ޕީއެސްޖީ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ފްރާންސްގެ ޕެރިހުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ދެވަނަ ގޯލް ޖެހީ މެޗު ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެޓީމަށް ފަހު ގޯލް ޖަހައި، ރޭގެ މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

2018-19 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ސީޒަންގެ ގަދަ 16ގައިވެސް ޕީއެސްޖީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅެފައި ވެއެވެ. ފުރަތަމަ ލެގުގައި ޕީއެސްޖީން 2-0 ގެ ލީޑެއް ނަގައިފައިވަނިކޮށް، ޔުނައިޓެޑުން ވަނީ އެންމެން ހައިރާން ކޮށްލައި ދެވަނަ ލެގު 3-1އިން ކާމިޔާބު ކޮށްފައެވެ. އެ ނަތީޖާއަކީ ފަހުގެ ތާރީހުގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ހޯދި އެންމެ ތަފާތު ނަތީޖާއެވެ. އެމެޗުގެ ފަހު ވަގުތުވެސް ޔުނައިޓެޑް މޮޅު ކޮށްދިނީ ރަޝްފޯޑުގެ ގޯލަކުންނެވެ. ރަޝްފޯޑް އެމެޗުގައި ޖެހީ ޕެނެލްޓީއެކެވެ.

ޔުނައިޓެޑުން ޕީއެސްޖީ ހުއްޓުވުމަށް ނުކުތީ ސީޒަންގައި ދަށްކޮށް ފެނިގެންދާ ކެޕްޓަން، ޑިފެންޑަރު ހެރީ މެގުއާ ނުލައެވެ. އަލަށް ޓީމާ ގުޅުނު އެޑިސަން ކަވާނީ ވެސް ރޭގެ މެޗުގެ ސްކޮޑުގައި ހިމަނާފައި ނުވާއިރު، ޕީއެސްޖީއަށް ވެސް އަނިޔާގެ މައްސަލަ އިންތިހާއަށް ބޮޑެވެ. މެދުތެރެއިން މުހިއްމު ކުޅެމެއް ކުޅޭ މާކޯ ވަރޭޓީ އާއި ކުރިއަށް ކުޅޭ މައުރޯ އިކާޑީ އަދި ހުއާން ބަނެޓްވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ޔުނައިޓެޑުން މެޗުގައި ވަރުގަދަކޮށް ފެށިއިރު، ފުރަތަމަ ހާފްގައި އެޓީމުން ލީޑުވެސް ނެގިއެވެ. ބުރޫނޯ ފެނާންޑޭޒްގެ ޕެނެލްޓީން އެޓީމު ލީޑު ނެގިއިރު، އޭނާ ޖެހި ފުރަތަމަ ޕެނެލްޓީ ކޭލޯ ނަވާސް މަތަވެސް ކުރިއެވެ. ޕެނެލްޓީ އަލުން ޖަހަން ޖެހުނީ އެ ޕެނެލްޓީ މަތަކުރިއިރު، ކޭލޯ ނަވާސް ރޮނގު ބޭރަށް ނުކުމެ ހުރުމުންނެވެ.

ވަރުގަދަ ފޯވަޑް ލައިނަކާއެކު ކުޅެމުންދިޔަ ޕީއެސްޖީގެ ދެ ހަމަލާއެއް ޔުނައިޓެޑް ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދިފާއުކުރިއެވެ. ޑިމަރިއާ އާއި ކިލިއަން އެމްބާޕޭގެ ހަމަލާތައް ޑެހެއާ ދިފާއުކުރިއިރު، ނޭމާ އާއި އެމްބާޕޭ ހިފެހެއްޓުމަށް ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު އެޒެލް ޓުއާންޒީބޭ ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

ޕީއެސްޖީން ދެވަނަ ހާފްގައި ނަތީޖާ ހަމަހަމަ ކުރީ އެންޓޮނީ މާޝިއަލް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މެޗުގައި ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނުކުތް ޕައުލް ޕޮގްބާގެ ޕާހަކުން ރަޝްފޯޑެ ދެވަނަ ގޯލެއް ޖަހައި، ޔުނައިޓެޑް މޮޅުކޮށްދިންއިރު، ރޭގެ މެޗުގައި ޕޮގްބާގެ ބަދަލުގައި ފެނުނީ ފްރެޑް މެޗު ފެށިތަނެވެ.

ޔުނައިޓެޑާއި ޕީއެސްޖީ ހިމެނޭ ގްރޫޕްގައި ރެޑްބުލް ލެއިޕްޒީގާއި އިސްތާމްބޫލް ބަސެކްޝެހީރް ކުޅުނު މެޗު ލެއިޕްޒީގުން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ.