ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

އެ ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް ގަބޫލުކުރެވޭތީ އެކަން އެގޮތަށް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް، ވާންކުރާކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާ ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަންކުރެވުނެވެ. އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުންކަމަށް ގަބޫލުކުރެވޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ،" އަމީންގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވި އެވެ.

އެ ސިޓީގައި އަމީން އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ އުންމީދު ގުޅިފައިވަނީ އަންނަން އޮތް އެތައް ޖީލަކާ ކަމަށާއި ނަމަވެސް އެ ކަމަށް ހުރަސްއެޅުމަށް، އުންމީދުތައް ނެތިކޮށްލުމަށް އަދި އެމަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެފައިވާ ކަމަށެވެ. އަދި ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީޕީގެ 24 މެންބަރުން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައިވަނިކޮށެވެ.

އެމްޑީޕީން މައްސަލަ މަޖިލީހަށް ވައްދަން ނިންމީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި، ރިޕޯޓުގެ މައްސަލައިގައި އަމީނަށް ދައުވާ ނުކުރަން ނިންމައި، ޕީޖީ އޮފީހުން މިއަދު އެ މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް މި މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށެވެ.

ޝަމީމު ވިދާޅުވީ އެ ރިޕޯޓު ދިރާސާކޮށް ބެލިއިރު އެއްވެސް ފަރާތަކަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަަށެވެ. އަދި އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ފުރަތަމަ ކޮޅުގައި، އެ މައްސަަލައާ ގުޅޭގޮތުން އޭސީސީން ޕީޖީއާ މަޝްވަރާ ކުރި ނަމަވެސް، އެ މައްސަލަ ދައުވާކުރަން ފޮނުވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން އާންމުކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައިނުވުމާއި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާއަށް ހަވާލުކުރި ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލައިފައެއް ނުވެ އެވެ.

މީގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ 90 ޕަސެންޓް ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.