ޓީސީ ސްޕޯޓްސް ކްލަބުގެ އެންމެ ކާމިޔާބު ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.
ފައްރަގެ ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހަ އަހަރަށްފަހު ޓީސީ ދޫކޮށްލުމަކީ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި، އެހެން ނަމަވެސް އެންމެ އެކަށޭނެ ވަގުތު، ރަނގަޅު ގޮތުގައި ކްލަބު ދޫކޮށް ދިޔުމަކީ އަބަދުވެސް އެދުނު ގޮތް ކަމަށެވެ. ފައްރަ ބުނެފައި ވަނީ މިދިޔަ ހަ އަހަރު ޓީސީން އޭނާއަށް ފަހިކޮށްދިން ޕްލެޓްފޯމަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވިދާލުމަށް ދިން ފުރުސަތެއް ކަމަށާއި، ޓީސީއާއެކު ޓްރޮފީތައް ހޯދައި ކާމިޔާބީތައް ހޯދުމަކީ ކެރިއަރުގައި އިތުރު މަސައްކަތްތަކެއް ކޮށް، ހިތްވަރު ލިބިގެން ދިޔަ ކަމެއް ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅަ މައިދާނަށް ވަރަށް ހަލުވިކަމާއެކު ކުރިއަރައިގެން އައި ޓީސީގެ އެންމެ ކާމިޔާބު ކެޕްޓަނަކީ ފައްރައެވެ. އޭނާ ބުނެފައި ވަނީ އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ފައްރަ ބުނެފައި ވަނީ އޭނާ ކްލަބަށް ކުޅެފައި ވަނީ އިހުލާސްތެރިކަމާ އެކުގައި ކަމަށާއި، ކޮންމެވެސް ހިސާބެއްގައި އަނެއްކާވެސް އަނބުރާ ޓީސީއަށް ހިދުމަތް ކުރުމަށް ނުކުންނާނެ ކަމުގެ އުންމީދު ކުރާ ކަމަށެވެ. ދަނޑުމަތީގައި ވަރުގަދަ ކެޕްޓަނެއްގެ ގޮތުގައި ފެންނަ ފައްރަ ވަނީ ޓީސީގެ ސަޕޯޓަރުންނާއި ބޯޑު އަދި މެނޭޖުމަންޓާއި އެކި އަހަރުތަކުގައި ކޯޗުކަން ކޮށްދިން ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަބަދުވެސް ޓީސީގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނާނެ ކަމަށާއި، ޓީސީއަކީ އަބަދުވެސް ހާއްސަ ކްލަބެއް ކަމަށް ފައްރަ ބުނެފައި ވެއެވެ.
ޓީސީއާއެކު ފައްރަ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ބަންގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީވެސް ފައްރަގެ ކެޕްޓަން ކަމުގައެވެ. ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑްވެސް ފައްރަ ވަނީ ޓީސީއާއެކު ކާމިޔާބު ކޮށްފައެވެ. އަންނަ ސީޒަންގައި ފައްރަ ފެންނާނެ ކްލަބެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު