ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިގޮތަށް ބުނެފައި މިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވި، ރިޕޯޓްގެ މައްސަލައިގައި އަމީނަށް ދައުވާ ނުކުރަން ނިންމައި، ޕީޖީ އޮފީހުން މިއަދު އެ މައްސަލަ އަނބުރާ ފޮނުވާލައިފައިވާތީ އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށާއި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށެވެ.

"މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ. އަދި މި މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މިގެންދަނީ މުރާޖައާ ކުރަމުން،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ، ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގައި ދައުލަތުގެ އޮފީހަކުން، ދައުލަތުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

މާލިއްޔަތު ގަވާއިދު 10.03ގެ (ހ) ގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިންމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭސީސީން ބުނީ ކޮވިޑާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒް އާއި އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ އެތަކެތި ހޯދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ، 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓުތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭ ގޮތަށް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ހެލްތު މިނިސްޓްރީން ފިނޭންސްގައި އެދުނު ކަމަށެވެ.

ހެލްތުގެ ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވައި އެ ހާއްސަ ހުއްދައިގެ މުއްދަކީ އެއް މަސް ދުވަސް ކަމަށް ބަޔާންކޮށް، ފިނޭންސް މިނިސްޓްރީން ހުއްދަދިން ކަމަށާއި އަދި އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމުން، އެއް މަސް ދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ 75 ވެންޓިލޭޓަރު ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހަވާލުކުރުމުގެ ހުއްދައަކަށް ހެލްތު މިނިސްޓްރީން ފިނޭންސްގައި އެދުމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމައިގެން ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެ ހުއްދައަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު އެކެއްގެ ހަތަރެއްގެ ދަށުން 2.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮންނަ އުސޫލަށް އަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރު ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއް ކަމަށް އޭސީސީން ބުންޏެވެ.

"75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރުމަށް 01 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަންޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަން ފާހަގަކުރެވޭ،" އޭސީސީން ބުންޏެވެ.

އޭސީސީން އިތުރަށް ބުނީ 75 ވެންޓިލޭޓަރު ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް ހެލްތުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީ އާއި ޕާފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން ފިނޭންސް އިން އަންގާ ގޮތެއްގެ މަތިން ކަމަށް އޭޖީ އޮފީހުން ލަފާދިން ކަމަށެވެ.

ނަމަވެސް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރި އިރު އަދި އޭގެ ފަހުން ވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03ގެ ދަށުން ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް މި މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށެވެ.

ޝަމީމު އިތުރަށް ވިދާޅުވީ އެ ރިޕޯޓު ދިރާސާކޮށް ބެލި އިރު އެއްވެސް ފަރާތަކަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. އަދި އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ފުރަތަމަ ކޮޅުގައި، އެ މައްސަަލައާ ބެހޭގޮތުން އޭސީސީން ޕީޖީއާ މަޝްވަރާ ކުރި ނަމަވެސް، އެ މައްސަލަ ދައުވާކުރަން ފޮނުވުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

އަމީނަށް ދައުވާ ނުކޮށް އަނބުރާ ފޮނުވާލުމުން، އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން މިއަދު ވަނީ އަމީން މަގާމުން ދުރުކުމަށް މަޖިލީހަށް ހުށަހެޅުމަށް ވޯޓަށް އަހައިފަ އެވެ. ނަމަވެސް ފާސްވީ އަމީން މައްސަލަ މަޖިލީހަށް ނުވެއްދުމަށެވެ. އެގޮތަށް ނިމުމުން އެމްޑީޕީގެ 24 މެމްބަރުން ސޮއިކޮށް، އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.