ގެސްޓް ހައުސްތައް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިއަދާ ހަމައަށް ކ. މާފުއްޓަށް 102 ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ، ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ މިމަހުގެ 15 ވަނަ ދުވަހު ދިނުމުން މާފުށީގައި ހުރި ބައެއް ގެސްޓް ހައުސްތައް އޮޕަރޭޝަނަށް ގެނެސްފައިވާއިރު މިވީ މުއްދަތުގެ ތެރޭގައި އެރަށަށް 102 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެއީ ރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
މާފުށީގައި 42 ގެސްޓް ހައުސްއެއް ހިންގާއިރު މިހާރު އޮޕަރޭޝަނަށް ގެނެސްފައިވަނީ ހަ ގެސްޓް ހައުސްއެވެ. އޭގެ ތެރޭގައި މިމަހުގެ ތެރޭގައި ހުޅުވި، ރާއްޖޭގައި މިހާތަނަށް ހުރި އެންމެ ބޮޑު ގެސްޓް ހައުސް ކާނި ޕާމް ބީޗު ވެސް ހިމެނެ އެވެ. މާފުއްޓަށް ޒިޔާރަތްކުރި 102 ފަތުރުވެރިންގެ ތެރެއިން 54 ފަތުރުވެރިން ތިބީ ވެސް އެތަނުގަ އެވެ.
އުސްމާން ވިދާޅުވީ، އުންމީދަކީ ރަށުގެ އެހެން ގެސްޓް ހައުސްތައް ވެސް އަވަހަށް އޮޕަރޭޝަނަށް ގެނެސް، ރަށަށް ޑޮލަރު ވަންނާނެ ހުރިހާ ދޮރެއް ހުޅުވާލުން ކަމަށެވެ.
"މިރަށުގެ 90 ޕަސެންޓް މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ލޯކަލް ޓޫރިޒަމް. ރަށުގެ އެތެރޭގެ އިގްތިސާދު ގުޅިފައި މިއޮތީ ފަތުރުވެރިކަމާ. ގެސްޓް ހައުސްތައް ބަންދުކޮށްގެން މިވީ ހަތް މަސް ދުވަސް ތެރޭގައި ރަށުގެ ރައްޔިތުން ތަހައްމަލު ކުރި ކަންކަން އަޅުގަނޑަށް ވެސް ވަނީ ފެނިފައި. އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވުމުން އެއީ ރަށަށް ލިބުނު ނިކަމެތި ކަމެއް. ނަމަވެސް ގެސްޓް ހައުސްތައް ހުޅުވިގެން ދިއުމާއެކު މިވަނީ އަނެއްކާ ވެސް އުންމީދު އާވެފައި. މިއަދު ރަށަށް އެމެރިކާ ޑޮލަރު އެބަ ވަދޭ" އުސްމާން ވިދާޅުވި އެވެ.
ގެސްޓް ހައުސްތައް ހުޅުވުމަށް ނިންމެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ ޝުކުރު އަދާކުރައްވައި އުސްމާން އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގައި މާފުށިން އެހެން ރަށްތަކަށް ނަމޫނާ ދައްކާނެ ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނަމޫނާ ދައްކާނަން. އަޅުގަނޑުމެންގެ އަމާޒަކީ ރިސޯޓްތަކަށް އަންނަ ވަރަށްވުރެ ގިނައިން ފަތުރުވެރިން މާފުއްޓަށް ގެނައުން،" އުސްމާން ވިދާޅުވި އެވެ.
މާފުއްޓަށް 102 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އެރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ނުވަތަ ރަށު ފަތުރުވެރިކަން އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. ގެސްޓް ހައުސްތައް ހުޅުވާލި ފަހުން މާފުއްޓަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫރަޕުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު