އެމިރޭޓްސްގެ ބަޖެޓް އެއާލައިނެއްގެ ގޮތުގައި އުދުހޭ، ފްލައި ދުބާއީ އާއި ޖަރުމަނުގެ ލުފްތަންސާގެ ދަތުރުތައް މި މަހު ރާއްޖެއަށް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ ދެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނި ނަމަވެސް ދަތުރުތައް ފަށާނެ ތާރީހެއް ނުބުނެ އެވެ.

ނަމަވެސް ފްލައި ދުބާއީއާ ހަވާލާދީ ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ މަހުގެ 27 ގައެވެ. އަދި ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެއަށް ބާއްވާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް ފެށީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް 2018 ވަނަ އަހަރު އެ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

ޖަރުމަނުގެ ލުފްތަންސާ އެއާލައިންގެ ދަތުރުތައް މި މަހު ފަށަން ނިންމި އިރު، އެ އެއާލައިންގެ ދަތުރުތައް ކުރިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރެވެ.

މި ދެ އެއާލައިންގެ އިތުރުން އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އިއްޔެ ވަނީ ރާއްޖެއަށް ފަށައިފަ އެވެ. އެ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.