ޚަބަރު

ނިއުޒިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ދިވެއްސަކަށް

ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް ވާދަކުރައްވައި ދިވެހި އަންހެން ބޭފުޅަކު ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ.

ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވަނީ ޑރ. އައިޝާ ވެރާލް އެވެ. ނިއުޒިލެންޑްގެ ބޮޑުވަޒީރު ތަމްސީލު ކުރައްވާ ލޭބާ ޕާޓީގެ ފަރާތުން ނުކުމެވަޑައިގެން އޭނާ ކާމިޔާބުކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑި އެވެ.

ޑރ. އައިޝާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭނާއަކީ ރައީސް ނަޝީދުގެ މަންމާފުޅާ އެއްބަނޑު އެއްބަފާ ލަތީފާގެ ދަރިކަލެކެވެ.

ދިވެހި މަންމައަކާއި ނިއުޒިލެންޑުގެ ބައްޕައަކަށް އުފަން ޑރ. އައިޝާ އުފަންވެ ވަޑައިގެންފައިވަނީ ނިއުޒިލެންޑަށެވެ. އަދި އެ ގައުމުގައި ދިރިއުޅުން ހޭދަކުރައްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެ އެވެ.

ސިންގަޕޫރާއި އިންޑޮނޭޝިއާ އިން ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރައްވައި ޑރ. އައިޝާ ވަނީ އައިޖީއެމްއެޗާއި ވެލިންޓަން ހޮސްޕިޓަލެއްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ޑރ. އައިޝާ މިހާރު މަސައްކަތް ކުރައްވަނީ ނިއުޒިލެންޑުގައި އިންފެކްޝަސް ޑިޒީސް ޑޮކްޓަރެއްގެ ގޮތުގަ އެވެ. އަދި އޭނާ ގެންދަވަނީ އޮޓާގޯ ޔުނިވާސިޓީގައި ލެކްޗަރާކަން ވެސް ކުރައްވަމުންނެވެ.