ޚަބަރު

މާލީ ތަނަވަސްކަމަށް އެކަނި ވިސްނައިގެން ވަކީލަކަށް ވުމަކީ ގޯސް ވިސްނުމެއް: އުއްތަމަ ފަނޑިޔާރު

ހަމައެކަނި މާލީ ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި ވަކިީލަކަށްވުމަކީ ގޯސް ވިސްނުމެއް ކަމަށާއި އެ ނިޔަތުގައި އެފަންނަ ވަންނަ މީހާ ވެގެންދާނީ ނާކާމިޔާބު މީހަކަށް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރި 277 މީހަކު ހުވާ ކުރުމަށް އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ވަކީލުންދެކެ އެންމެން ހިތްހަމަނުޖެހޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި މުޖުތަމައުގެ ތެރޭގައި ވަކީލުންނާ ގުޅޭ ތަފާތު އެކި ވާހަކަތައް ދެކެވޭ ކަމަށެވެ. އޭގެ ތެރޭގައި ސުލޫކީ މައްސަލަތަކުގެ ވާހަކައަކާއި އަދި ބައެއް ފަހަރު ވަކީލުންނަކީ މުޖުތަމައުއާ ދެކޮޅަށް މަސައްކަތްކުރާ މުޖުތަމައުގެ ދުޝްމަނުން ކަމަށް ދޭހަވާ ގޮތަށް ތަސައްވަރުތައް އުފައްދައި ބަހުސް ކުރެވޭ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

މުޖުތަމައުގެ ގާނޫނީ ވަކީލުން ތަސައްވަރު ކުރެވިފައިވަނީ މުޅި މުޖުތަމައުގެ މަންފާއަށް މަސައްކަތްކުރާ ބަޔަކަށްވުރެ ބޮޑަށް އެބައެއްގެ މުއްސަނދިކަމާއި މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެއީ ހަގީގަތްކަމުގައި ނުވި ނަމަވެސް ކަމަކާމެދު މީހުން ގަބޫލުކުރާ ގޮތަކީ އޭގެ ޒާތުގައި މުހިންމު ރޯލެއް އަދާކުރާނެ ކަމެއް ކަމަށެވެ.

"ހަމައެކަނި މާލީ ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި މި ފަންނުގެ ތެރެއަށް ވަންނަ މީހަކަށް އެ ވަދެވެނީ ގޯސް ވިސްނުމެއްގެ މައްޗަށް ބަރޯސާވެވިގެން. އެ ނިޔަތުގައި މި ފަންނަ ވަންނަ މީހާ ވެގެންދާނީ ނާކާމިޔާބު މީހެއް ކަމުގައި. އަޅުގަނޑު މިދަންނަވާ ވާހަކައަކީ މި ދާއިރާއިން ރަނގަޅު އާމްދަނީއެއް ނުހޯއްދަވާށެކޭ ނޫން. އަޅުގަނޑު މިދެންނެވި ބަހުގެ މުރާދަކީ މިފަންނާ ގުޅިވަޑައިގެންނެވި މައިގަނޑު ސަބަބަކީ ފުދުންތެރިކަން އިތުރުކުރުން ކަމުގައިވާނަމަ އެކަން ވެސް ކާމިޔާބު ނުވެ މިފަންނުގައި ކުރިއަރައި ދިއުމުގެ ފުރުސަތު ވެސް އެމީހަކަށް ގެއްލިގެންދާނެކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް މުހާތަބު ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކަކީ މި ފަންނުން އުނގެނިވަޑައިގެންނެވި އިލްމާއި ހުނަރު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ދުވަސްތަކެއް ކަމަށެވެ. އަދި އެ ފުރުސަތުތަކުގެ ބޭނުން ހިފާއިރު ލިބިފައިވާ އިލްމު ހެޔޮގޮތުގައި ބޭނުންކުރުމަށް ހައްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ވަކީލުންނަކީ ވެސް ގާނޫނީ އިލްމުގެ ދާއިރާގެ ތެރެއިން ކޮންމެ ދުވަހަކު ވެސް އާ ތަޖުރިބާތަކެއް ކުރައްވާ އާ ކަންތައްތަކެއް ދަސްކުރަން މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ސަބަބަކީ ގާނޫނީ ވަކީލުންނަކީ ވަރަށް ޒިންމާދާރު މަސައްކަތެއް ކުރަން ޖެހިފައިވާ ވަރަށް ގިނަ ބައެއްގެ މަސްލަހަތު އެކަމެއްގެ ތެރޭގައި ހިމެނޭފަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ބަޔަކަށްވުން ކަމަށް ވިދާޅުވި އެވެ.