ޚަބަރު

އީއީޒެޑްގެ މައްސަލަ އައިސީޖޭއަށް ހުށަހެޅުމާމެދު މަޝްވަރާއަކަށް ދާން ރާއްޖޭން ދައުވަތުދީފި

މޮރިޝަސް އިން ބޭނުންވާނަމަ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅަން މަޝްވަރާ ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު (އޭޖީ) އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މިދިޔަ އަހަރު ޑިސެމްބަރު 18ގައި މައްސަލަ ހުށަހެޅީ މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. އެ މައްސަލަ ބެލުމަށް ޓްރައިބިއުނަލުން އެކުލަވައިލި ޗެމްބަރު އައްޔަންކޮށް އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މިއަދު ރާއްޖޭގެ ފަރާތުން މައްސަލައިގެ ކްލޯޒިން ސްޓޭޓްމެންޓަށް ވާހަކަދައްކަވަމުން އޭޖީ ވިދާޅުވީ މި މައްސަލައަކީ އެ ކޯޓުގެ އިހްތިސާސްގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަކީ ބަލައިގަނެވޭނެ ލިޔުންތަކެއް ނޫން ކަމަށް ކަނޑައަޅައި، އެ މައްސަލަ ޓްރަބިއުނަލުން ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ވިދާޅުވި އެވެ.

އޭޖީ އިތުރަށް ވިދާޅުވީ އުންމީދަކީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބަދަހިކޮށް ބޭއްވުން ކަމަށެވެ. އަދި އައިސީޖޭން ނެރެފައިވާ ލަފަޔާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް އެ ކޯޓަށް ހުށަހަޅަން އޭޖީ ވަނީ މޮރިޝަސް އަށް ދައުވަތު ދީފަ އެވެ.

"އަޅުގަނޑުމެން ދައުވަތު ދެން މޮރިޝަސްއަށް އެބޭފުޅުން ބޭނުންނަމަ އައިސީޖޭން ހުށަހަޅާފައިވާ އިރުޝާދާ ގުޅޭ ގޮތުން ރާއްޖެއާއެކު މަޝްވަރާ ކުރުމަށްފަހު އެކޯޓަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް." އޭޖީ ވިދާޅުވި އެވެ.

އޭޖީ ރިފްއަތު ވިދާޅުވީ މޮރިޝަސް އިން މި މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާ އެހެން ކަންކަން ވެސް ބަލައިގަނެ، މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށެވެ.

އައިސީޖޭން ނެރުނު ލަފާގައި ބުނެފައިވަނީ، މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އެހެންކަމުން މިހާރު ވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން އައިލެންޑްސް ދޫކޮށްލުމަށް އައިސީޖޭން ލަފާ ދީފައިވެ އެވެ.

ޗާގޯޒް މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެކެވެ. ނަމަވެސް 2010ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ.

މޮރިޝަސް އިން އިއުތިރާޒްކޮށްފައިވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައިނުވާތީ އާއި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށްފަހު އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

އދ. ގެ އާންމު މަޖިލީހުން މިދިޔަ އަހަރު ވަނީ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފަ އެވެ. އެކަމަކު ރާއްޖޭން ވޯޓު ދިނީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން އިނގިރޭސިން ވަނީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް ގަނެފަ އެވެ. އެމެރިކާއާ އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާއަށް ދޫކޮށްފައިވާ މުއްދަތު 2016ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.