ކުޅިވަރު

"އެންސެލޯޓީއާއެކު އެވަޓަންއަށް ލިވަޕޫލާ ޗެލެންޖު ކުރެވޭނެ"

ތަޖުރިބާކާރު ކޯޗު ކާލޯ އެންސެލޯޓީއާއެކު އެވަޓަންއަށް ލިވަޕޫލާ ޗެލެންޖު ކުރެވޭނެ ކަމަށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލާއި އެވަޓަން ވަރުގަދަ މާސީ ސައިޑް ޑާބީއަކަށް ތައްޔާރުވެފައި އޮތްއިރު، މިއީ އަހަރުތަކަކަށްފަހު އެވަޓަން ރަނގަޅު ފޯމެއްގައި އޮތް ދަނޑިވަޅެކެވެ. ލިވަޕޫލުން އެންމެފަހުގެ ލީގު ޗެމްޕިއަނުން ގޮތުގައި އޮތުމާއި އެވަޓަން އިން މިހާތަނަށް ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތުމަކީ މިއަދުގެ މެޗު އިތުރަށް ފޯރިގަދަވާނެ ކަމެކެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ކްލޮޕް ބުނީ، އެންސެލޯޓީއަކީ ވަރަށް ބޮޑަށް އިހުތިރާމުކުރާ ކޯޗެއް ކަމަށާއި އެންސެލޯޓީ އެވަޓަންއަށް ދާން އެއްބަސްވި ހިސާބުން ވެސް އެއީ ރަނގަޅު ޗެލެންޖެއްކަން އެނގުނު ކަމަށެވެ. މިދިޔަ އަހަރު ޑިސެންބަރު މަހު ތެރޭގައި އެންސެލޯޓީ އެވަޓަންއާ ހަވާލުވެ، މިހާރު ވަނީ މުޅި ޓީމުގެ އުންމީދުތައް އާކޮށްލައިފަ އެވެ.

ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި އެންމެ ވަރުގަދަ ޓްރާންސްފާތަކެއް ކުރި އެވަޓަންއަށް ވަނީ ވަރުގަދަ ނަންތައް ކަމަށްވާ ކޮލަމްބިއާގެ ހަމޭޒް ރޮޑްރިގޭޒް އާއި ބްރެޒިލްގެ އެލެންގެ އިތުރުން ވަޓްފޯޑަށް މިދިޔަ ސީޒަންގައި ކުޅުނު ޑަކޯރޭ ވެސް ގެންގޮސްފަ އެވެ. އޭގެ އިތުރުން އެވަޓަންގެ ފޯވަޑް ޑޮމިނިކް ކަލްވާޓް ލެވިން އަކީ މިވަގުތު މުޅި ޔޫރަޕްގައި ވެސް އެންމެ ފޯމު ރަނގަޅުކޮށް ހުރި ފޯވަޑެވެ.

އިއްޔެގެ ޕްރެސްގައި ކްލޮޕް ވަނީ ވަރަށް ބޮޑަށް އެންސެލޯޓީގެ ޓްރާންސްފާތަކަށް ވެސް ތައުރީފު ކޮށްފަ އެވެ. ކްލޮޕް ބުނީ، ކޮންމެހެން ގެންދަންޖެހޭ ކުޅުންތެރިޔާ ހޯދައިގެން އެ ކުޅުންތެރިޔަކު ގެންގޮސް އެވަޓަން އިން ވަރުގަދަ ޓީމެއް އުފައްދަން ފަށާފައިވާ ކަމަށެވެ.

ލިވަޕޫލް ޔޫރަޕްގެ ޗެމްޕިއަނުންނަށް ހެދުމަށް ކްލޮޕް ކުރި މަސައްކަތް ބޮޑެވެ. ރަނގަޅު ސިސްޓަމެއް ކުލަބުގައި ގާއިމްކޮށް، ރަނގަޅު ޓްރާންސްފާތަކެއް ކުރުމަކީ އެކަމަށް އެޅިގެން ދިޔަ ފާލަމެކެވެ. ޓީމުގައި އޮތް މޮޅުވުމުގެ ރޫހު ގަދަކޮށް، ކްލޮޕް ފެނިގެން ގޮސްފައިވަނީ ގަބޫލުކުރުވާ ކޯޗެއްގެ ގޮތުގަ އެވެ.

އެވަޓަންއަކީ ޕްރިމިއާ ލީގަށް ވާދަކުރާ ޓީމަކަށް ހެދުމަކީ އެންސެލޯޓީ ފަދަ ކޯޗަކަށް ނުވާނެ ކަމެއް ނޫނެވެ. އެންސެލޯޓީ ވަނީ އިޓަލީ، ޖަރުމަނުގެ އިތުރުން ފްރާންސާއި އިނގިރޭސިވިލާތުގެ ލީގުގެ ތަށި ވެސް ހޯދައިފަ އެވެ. 2009-10 ވަނަ އަހަރު ޗެލްސީއާއެކު ޕްރިމިއާ ލީގު ހޯދި އެންސެލޯޓީ ވަނީ ތިން ފަހަރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އެވަޓަން އިން މިދިޔަ ސީޒަން 12 ވަނައިގައި ނިންމާލި ނަމަވެސް، މި ސީޒަން މުޅިން ތަފާތެވެ. 2013-14 ވަނަ އަހަރުގެ ސީޒަނަށްފަހު އެވަޓަން އިން ފުރަތަމަ ފަހަރަށް ގަދަ ހަތެއްގެ ތެރެއަށް ޖެހިލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އެވަޓަން އިން 24 ގޯލް ޖަހާފައި އޮތުމަކީ އެޓީމުގެ އެޓޭކްގެ ވަރުގަދަކަން ދައްކައިދޭ އަދަދެކެވެ.

މިއަދުގެ މެޗަށް ކްލޮޕް ނުކުންނާނީ އިންޓަނޭޝަނަލް ބްރޭކު ކުރިން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުންވި 7-2ގެ ބަލި ހަނދާން ނައްތާލައި، ލިވަޕޫލްގެ ތަށި ދިފާއުކުރުމުގެ މުހިންމު މެޗަކަށެވެ.