ރާއްޖޭގެ މަސްވެރިން ބާނާ މަސް، އަވަށްޓެރި ސްރީލަންކާއަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން، އެގައުމުން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގުތިސޯދު ރަނގަޅުކުރުމަށް އެގައުމުގެ މިހާރުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަން ޖެހޭ ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާގެ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި، ރާއްޖޭގެ މަސް އެގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވަނީ އެކަމަށްޓަަކައި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެ ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެގައުމުން ބުނުމުން، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުމަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖޭގެ މަސް ލަންކާއަށް އެކްސްޕޯޓް ނުކުރެވުމަކީ، ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ އެއަށްވުރެ މާ އަގުބޮޑު ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުން ކަމަށެވެ. އެއީ މަހުން ލިބޭ އެންމެ ބޮޑު އަގާއި މަންފާ ދިވެހި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްރީލަންކާއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މަސް ލަންކާއަށް ވިއްކޭނެ ގޮތްތައް ހަމަޖައްސައި، ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ މާކެޓުން ފުރުސަތު ދިނުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާއެކުގައި ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަ ގައުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު