ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން މިއަދު އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއަދު އިތުރު ދެ ފުލުހަކު ކުޅުދުއްފުށިން ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި އިއްޔެ އިތުރު ދެ ފުލުހަކާއި ބުދަ ދުވަހު ވެސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެެވެ.

އެއާއެކު އުތުރު ޕޮލިސް ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 15 އަށް އަރައިފައެވެ. މީގެ ތެރޭގައި ހއ. ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހަކާއި ށ. ފޯކައިދޫން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

ކުޅުދުއްފުށިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެ ފުލުސް މީހާއަކީ ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.