ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ސިޓީގައި ހޯމް ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އިއްޔެ ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، އެރަށުން ޕޮޒިޓިވް ކޭސްއެއް ފެނުމުން، ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިބި މީހުންވެސް ކަރަންޓީނުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މީގެ ކުރިންވެސް ފުވައްމުލަކު ސިޓީން މީހަކު ކޮވިޑަށް ޕޮޮޒިޓިވްވެފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ސިޓީން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި 36 އަހަރުގެ އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު