އޭޑީކޭ ހޮސްޕިޓަލުން ކޮވިޑުގެ ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފިއެވެ.
އޭޑީކޭއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އަގުތައް ހެޔޮކޮށްފައިވަނީ އެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓު ހަދަމުން ދިޔަ ލެބޯޓަރީގައި ގާއިމުކުރެވިގެންދިޔަ ފުރަތަމަ އޮޓޮމޭޓެޑް ރޯލް ލައިޓް ސައިކްލާ 480 ޕީސީއާރު ސިސްޓަމާއެކު ކޮވިޑް ޓެސްޓު ހެދުމުގެ ހަރަދު ކުޑަވެގެން ދިއުމުން ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ދިވެހިން އަދި ވޯކް ޕާމިޓް ހޯލްޑަރުންނަށް އޭޑީކޭއިން 1200 ރުފިޔާއަށް ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ފަތުރުވެރިންނަށް 80 ޑޮލަރަށް ޕީސީއާރު ޓެސްޓު ހެދޭނެއެވެ.
މީގެ ކުރިން އެ ހޮސްޕިޓަލުން ދިވެހިން އަދި ވޯކް ޕާމިޓް ހޯލްޑަރުންނަށް ޕިސީއާރު ޓެސްޓު ހަދައިދެމުން އައީ 1500 ރުފިޔާއަށެވެ. އަދި ފަތުރުވެރިންނަށް މީގެ ކުރިން ޕީސީއާރު ޓެސްޓު ހަދައިދިނީ 110 ޑޮލަރަށެވެ.
މާލޭ ސަރަހައްދުގައި އޭޑީކޭގެ އިތުރުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ޕޮލިސް ލެބޯޓަރީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް ކޮވިޑުގެ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމުތައް އެބަހުއްޓެވެ. އަދި އަތޮޅުތެރޭގެ ބައެއް ރީޖަނަލް ހޮސްޕިޓަލުތަކުގައިވެސް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު