ހއ. ހޯރަފުށި އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ 11 އަށް ނިންމައިލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައްލަވައިލައްވައިފައެވެ. އެ މަސައްކަތް އަންނަ މަހުގެ 11 އަށް ނިންމައިލުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ހޯރަފުށީ އެއާޕޯޓުގެ ހެދުމުގެ މަޝްރޫއުގެ ތެރެއިން އެމްޓީސީސީން މިހާރު ކުރަމުން އަންނަނީ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ މަސައްކަތެވެ. ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
ޖުމްލަ 13.8 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 80 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.
ހޯރަފުށި އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު އެ އެއާޕޯޓު ހެދުމުގެ މަޝްރޫއު ވެސް ކުރަމުން އަންނަނީ އެ ކުންފުނިންނެވެ. ޖުމްލަ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު