ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދި އެލައިޑުން ހައިކޯޓުގައި އެދުނު ގޮތަށް އެ އަމުރު އެކޯޓުން ނެރެފި އެވެ.
އެގޮތަށް އަމުރު ނެރެދިނުމަށް އެދި އެލައިޑުން ހައިކޯޓަށް ހުށަހެޅީ، ޔޮޓް ޓުއާޒް އަށް 22.7 މިލިޔަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެލައިޑުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިސްތިއުނާފުުގެ އަޑުއެހުމުގައެވެ.
ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އެލައިޑުގެ ފަރާތުން، އެ ކޯޓުގައި އެދިފައިވާ މައިގަނޑު ހަ ސަބަބަށް ބަލާއިރު އެއް މާއްދާ ފިޔަވައި އެހެން ހުރިހާ ކަންތައްތަކަކީ އެލައިޑުގެ ފަރާތުން ބީވެގެން ހިނގައިދާނެ ކަންތައްތަކެއްގެ ބިރުކަން އެނގޭ ކަމަށެވެ.
އެއީ ވިޔަފާރި ހުއްޓުން ނުވަތަ ވިޔަފާރިއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރާއި ކަސްޓަމަރުން ގެއްލިދާނެކަމުގެ ނުވަތަ ކަސްޓަމަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ބިރާއި ރީ-އިންސުއަރެންސް ގެއްލިދާނެ ކަމުގެ ބިރާއި ކުންފުނީގެ ރެޕިއުޓޭޝަން ނުވަތަ ގުޑްވިލް ނެތިދާނެކަމުގެ ބިރާއި އެެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކިދާނެ ކަމުގެބިރު ކަމަށެވެ.
މިއިން ކޮންމެ ކަމަކީ ވެސް ހުކުމްތަންފީޒު ކުރުމުގެ މައްސަލަތަކުގެ ތަބީއަތުގައި ކުރިމަތިވެދާނެ އެންމެ ކަންތައްތަކެއް ކަމަށާއި ނަމަވެސް އެއީ ހާއްސަ ކަންތައްތަކެއް ކަމަށް ބުރައެއް ނުވެވޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ހައި ކޯޓުގެ އަމުރުގައި ބުނީ، އެލައިޑުން ހުށަހެޅި ކަންތައްތަކުގެ ތެރެއިން ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ޔޮޓް ޓުއާސްއަށް ފައިސާ ދައްކަންޖެހި، އެ ފައިސާ ދައްކާފައިވަނިކޮށް، އިސްތިއުނާފު ކުރެވިފައިވަ މައްސަލަ އެލައިޑާ އެއްކޮޅަށް ނިމޭ ހާލަތުގައި އެފައިސާ ޔޮޓް ޓުއާސްގެ ފަރާތުން ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށް ބުނާ މާއްދާގައި އިސްތިއުނާފުން މައްސަލަ ބަލައި ނިމޭއިރު ހައިކޯޓުން ކުރާ ހުކުމާއި އެއްގޮތަށް އަމަލު ކުރަންޖެހޭ ހާލަތެއްގައި ޔިޮޓް ޓުއާސްއަށް އެހުކުމާ އެއްގޮތަށް އަމަލު ނުކުރެވޭނެމަ، އެ ހުކުމް ވެގެންދާނީ އަގެއް ނެތް ނުވަތަ މުހިންމު ކަމެއްނެތް ހުކުމަށް ކަމަށެވެ.
އަދި އެ ނުކުތާ އާއި ގުޅިގެން ޔޮޓް ޓުއާސްގެ ފަރާތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު އެ ހާލަތުގައި ބުރަ ވެވެނީ އެލައިޑުން އެދިފައިވާ ފަދަ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރެންޖެހޭ ކަމަށް ބުނެފައިވެ އެވެ.
"އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ގަޟިއްޔާ އިސްތިއުނާފުކުރުމުން އެ ކޯޓުން ބަލަމުންދާ ގަޟިއްޔާގައި ބެލެވެމުންދާ މައްސަލަ ބަލައި، އެ މައްސަލައިގައި ހުކުމް ކުރަންދެން، ނުވަތަ ރާއްޖޭގެ ހައިކޯޓުން އެހެން ގޮތަކަށް ކަނޑައަޅަންދެން، ސިވިލް ކޯޓުގެ ގަޟިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓަށް އަންގައި އަމުރުކޮށްފީމެވެ،" ހައި ކޯޓުގެ އަމުރުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު