ދަނޑުވެރިކަމާ ގުޅޭ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް "އެގްރިކަލްޗާ އޮންލައިން ސިސްޓަމް" ތައާރަފުކޮށްފި އެވެ. މި ސިސްޓަމް ތައާރަފު ކޮށްދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
އީފާސް މެދުވެރިކޮށް ލޮގިން ވާންޖެހޭ އެ ސިސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމުގެ ހުއްދައަށް އެދުމާއި ހުއްދަ ދޫކުރުމާއި ދަނޑުބިން ރަޖިސްޓްރީ ކުރުން ހިމެނެ އެވެ.
އެ ސިސްޓަމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ސިސްޓަމަކީ ސިންގަލް ވިންޑޯގެ ދަށުން އެއް ތަނަކުން ހުރިހާ ހިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް އޭޑީބީގެ އެހީތެރިކަމާއެކު ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން އެއް މޮޑިއުލް ކަމަށެވެ. ކުރިޔަށް އޮތްތަނުގައި މަސްވެރިކަމާ ބެހޭ މޮޑިއުލްއެއް ވެސް ތައާރަފް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ދަނޑުވެރިކަމަށް މާބޮޑު އިސްކަމެއް ދީފައިނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދަނޑުވެރިކަން ފުޅާ ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ބޭރުން އެތެރެކުރާ ކާބޯތަކެތީގެ އަދަދު މަދުކޮށް ވީހާވެސް ގިނައިން ރާއްޖޭގައި އުފައްދާ ބާވަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެގްރިކަލްޗާ މިނިސްޓްރީ އާއި އަޅުގަނޑުމެންނާ (އިކޮނޮމިކް މިނިސްޓްރީ)އާ ގުޅިގެން މިހާރު ވަނީ އެގްރޯ ނެޓް އުފެއްދިފަ. އެއީ ދަނޑުވެރިންނަށް އެކިއެކި ގޮތްގޮތުން ދަނޑުވެރިކަން ކުރުމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި އޭގެ އިތުރުން އުފައްދާ ތަކެތި ވިއްކޭނެ ނިޒާމެއް ގާއިމްކުރުން. އެ މަސައްކަތްތައް ވަރަށް ބާރަށް ކޮވިޑުގެ ހާލަތުގައި ކުރިއަށް އެބަދޭ،" ފައްޔާޒު ވިދާޅުވި އެވެ.
އެގޮތުން ތިން ޓީމެއް މިހާރު ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މަސައްކަތްތައް ފެށި ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމާއި ޔަގީންކަމާއެކު އެމީހުން ހައްދާ ތަކެތި ވިއްކާލެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި، ބޭރުން ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ މަސައްކަތް އެއް ވިއުގައަކުން ކުރެވޭނެ ގޮތް ހެދުމަށް މިނިސްޓްރީތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު