ގެސްޓް ހައުސް އެސޯސިއޭޝަންގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެވައިވާ ނޫސްބަޔާނެއްގައިވާ ގޮތުން އެއެސޯސިއޭޝަނުން ހުސްވެފައިވާ ހަ މަގާކަމަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަންގެ ހުސްވެފައިވަނީ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ އިތުރުން ސެކްރެޓަރީ އެފެއާޒްގެ މަގާމާއި ކޯޕަރޭޓް އެފެއާޒްގެ މަގާމެވެ. އަދި އެކްސްކޯ މެންބަރުންގެ ގޮތުގައި ދެ މެންބަރުންގެ މަގާމު ހުސްވެފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

އެއެސޯސިއޭޝަން އިން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް އެސޯސިއޭޝަން ގެ ގޯލްޑް މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް އަހަރީ ފީ ދައްކާފައިވާ މީހަކަށް ވާން ޖެހޭނެއެވެ. މީގެ އިތުރުން ކުރިމަތިލާ މީހަކީ އެއެސޯސިއޭޝަންގައި ތަމްސީލު ކުރުމަށް ރަޖިސްޓަރީކޮށްފައިވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ.

މީގެ އިތުރުން ކުރިމަތިލާ މީހަކީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން އެމީހަކު ތަމްސީލުކުރާ ގެސްޓް ހައުސް އަކީ މުއްދަތު ހަމަ ނުވާ ޓުއަރިޒަމް ލައިސަންސު އޮތް މީހަކަށް ވާން ޖެހޭނެ އެވެ. ކުރިމަތިލާ މީހަކީ ޖިނާއީ މައްސަލައެއްގައި ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ނޫސްބަޔާނުގައި ވެއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން މޯލްޑިވްސްގެ މެންބަރަކަށް ވާން ހުޅުވާލާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ކުރިމަތިލުމަށް ބޭނުންވާ މީހުން އެސޯސިއޭޝަން އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.