އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން އޭޝިއަން އެކެޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ)ގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުން ދަނީ ކޯސް ދިގުލައިގެން ދިއުމުގެ ސަބަބުން އަމިއްލަ ޖީބުން އެތައް ފައިސާއެއް ހަރަދުކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އައްޑޫ ފްލައިން ސްކޫލުގެ މެނޭޖުމަންޓުން ދަރިވަރުންނަށް އިހުމާލުވަމުން އަންނަ ކަމުގެ ކަންބޮޑުން ވެސް އެ ދަރިވަރުން ފާހަގަކުރެ އެވެ.

ފްލައިން ސްކޫލުގައި މިވަގުތު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ފްލައިން ސްކޫލް ހިންގާ އޭއޭއޭގެ އިސްވެރިންނަށް ދަރިވަރުން މީގެ ކުރިން ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި ދަރިވަރުން ވަނީ ކޯސް ނުނިމި ދިގުލައިގެންދާތީ އާއި ސްކޫލުގެ އޮޕަރޭޝަން ހަފްތާއަކު ތިން ދުވަހަށް ބަދަލުކުރި ކުރުމާއި އަދި އެ ނޫންވެސް ކަންބޮޑުވުންތަކާއެކު، ސްކޫލުން އެކަންކަން ހައްލުކުރަން ގެންގުޅޭ ޕްލޭން އޮޅުންފިލުވައިދިނުމަށް އެދިފަ އެވެ. އެ ސިޓީގެ ޖަވާބުގައި އޭއޭއޭ އިން ވަނީ، ދަތިތައް ކުރިމަތިވަނީ ކޮވިޑް-19އާ ގުޅިގެން އޭވިއޭޝަން އިންޑަސްޓްރީއަށް އައި ހީނަރުކަމުން ކަމުގައި ބުނެ ގިނަ ކަންކަން ކޮވިޑާ ގުޅުވައިފަ އެވެ.

އޭއޭއޭގެ އިތުރުން އެ ދަރިވަރުންވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ވެސް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާއެކު މަަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ، އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެ މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭއޭއޭގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި އޭއޭއޭގެ ޗީފް އެކްޒެކެޓިވް، ހުސައިން ޖަލީލާއި ޑިރެކްޓާ އޮފް އެއާވޯތިނެސް، އަބްދުﷲ މުހައްމަދުގެ އިތުރުން އެކްޓިން ޑިރެކްޓަރު އޮފް ފްލައިން އޮޕަރޭޝަންސް، ނަސްރުﷲ ޝަކީބް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި އޭއޭއޭއާއެކު ބައެއް ކަންކަމަށް އެއްބަސްވެވިފައިވާ ކަމުގައި މިނިސްޓްރީން ބުންޏެވެ.

އެގޮތުން ފްލައިން ސްކޫލްގެ އޮޕަރޭޝަން ހަފްތާއަކު ފަސް ދުވަހަށް ބަދަލުކުރުމާއި އިންސްޓްރަކްޓަރުން އިތުރުކުރާނެކަމުގެ ޔަގީންކަން އޭއޭއޭގެ ފަރާތުން އަރުވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ސްކޫލަށް ދަރިވަރުން ވައްދާނީ، އިންސްޓްރަކްޓަރުންގެ އަދަދަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ވެސް އޭއޭއޭ ބުނެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް އެއާކްރާފްޓުގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭއޭއޭއިން ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ލަންކާގައި ތިބި ސަރުކާރުގެ ލޯނުގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުން ވެސް ތިބީ މާލީ ބޮޑު ދަތިކަމެއްގަ އެވެ. އޭގެ ތެރެއިން 90 ޕަސެންޓް ދަރިވަރުން ކޯސް ހުއްޓާލައި ހިސާބުގައި ތިބި އިރު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "ވަން" އަށް ވިދާޅުވީ، އެކުދިންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.