ކޮވިޑާ ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށްފަހު ވާޗުއަލްކޮށް މިއަދު ބޭއްވި އެ ޖަމްއިއްޔާގެ ހާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ އަލުން އަނބުރާ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމަށް ރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުންނާއި ސެކްރެޓަރީ ޖެނެރަލް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮވިޑާ ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ. ކޮވިޑްގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާ މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް އެ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރު ކަމަށާއި އެގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި ކޮމަންވެލްތުން މެންބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓާ ރިސްކް ފައިނޭންސް ޕޯޓަލްއެއް ގާއިމްކުރި ކަމާއި ބައިނަލްއަގްވާމީ މާލީ ބާޒާރުން މެންބަރު ގައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާ ދިވެހިރާއްޖޭން އަލުން ގުޅުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު