ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތޮއްޔިބާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކުރަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ޖޭއެސްސީން ބުނީ ތޮއްޔިބާއި އަކުރަމްގެ މައްސަލަތައް ތަހުގީގު ކުރުމަށް ނިންމައި، ތަހުގީގު ކޮމިޓީ އެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ތޮއްޔިބާ ގުޅިގެން ޖޭއެސްސީން ބަލަމުން އަންނަނީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން އޭނާ، އެ މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރެއްވި ކަމަށް ބެލެވޭ މައްސަލައެކެވެ.
އަކްރަމާ ގުޅޭ ގޮތުން ބަލަން ނިންމާފައިވނީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާ އިތުރުކުރި ކަމަށް ބުނާ މައްސަލައަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން ތަނާޒުލްވެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހު ކަމަށް ބެލެވޭ މައްސަލައެކެވެ.
ތޮއްޔިބާއި އަކްރަމްގެ މައްސަލައެއް ބެލުމަށް ކޮމިޓީއެއް އެކުލަވާލި އިރު، މިދިޔަ މަހު ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ވެސް ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު