ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ވާދަވެރި މެޗުތައް ގިނަ ކުރުމަށް ކުރިއަށް ގެންދާ ޔޫއެފާ ނޭޝަންސް ލީގަކީ ބޭކާރު މުބާރާތެއްގެ ގޮތުގައި އާސެނަލްގެ ލެޖެންޑަރީ ކޯޗު، މިހާރު ފީފާގެ ހެޑް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ ބުނެފިއެވެ.

ތަޖުރިބާކާރު ކޯޗު ވެންގާ ބުނެފައި ވަނީ ނޭޝަންސް ލީގަކީ މި ޒަމާނުގެ ސަޕޯޓަރުންގެ ހިތް ދަމައިގަންނާނެ ސިސްޓަމަކަށް ކުޅެވޭ ލީގެއް ނޫން ކަމަށާއި، ޒަމާނީ ސަޕޯޓަރުންނަށް ކަމުދާނީ ގައުމީ ޓީމުތަކުގެ މެދުގައި ކުޅެވޭ ވޯލްޑް ކަޕާއި ޔޫރޯ ފަދަ މުބާރާތްތައް ކަމަށެވެ.

"އެންމެންނަށްވެސް ސާފުވާނެ ކަހަލަ، ޒަމާނީ މުބާރާތްތައް ގިނައިން ބާއްވަން ޖެހޭ. ނޭޝަންސް ލީގަކީ ކޮން އެއްޗެއްކަން ފުޓުބޯޅައިގެ ގިނަ ސަޕޯޓަރުންނަކަށް ނޭނގޭނެ. ނޭޝަންސް ލީގަކީ ބޭކާރު ލީގެއް. ޒަމާނީ ފުޓުބޯޅައަށް ބަލާއިރު، ކޮންމެ ދެއަހަރުން އެއް އަހަރު ވޯލްޑް ކަޕް، އަދި ޔޫރޯ ކަހަލަ މުބާރާތްތައް ބޭއްވުން މާ މުހިއްމު،" ވެންގާ ބުނެފައި ވެއެވެ.

ނޭޝަންސް ލީގަކީ ޔޫއެފާއިން އެ ބައްރުގެ ކްލަބުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ މަގުސަތުގައި ފެށި ލީގެކެވެ. މިދިޔަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކުރީ ޕޯޗުގަލްއިންނެވެ. ނޭޝަންސް ލީގަކީ ޔޫރޯ ކޮލިފިކޭޝަން އާއި ވޯލްޑް ކަޕްގެ ކޮލިފިކޭޝަންތައް ވެސް އެއްކޮށްލައިގެން މުޅި ސީޒަނަށް ބަހާލައިގެން ކުޅެވޭ ލީގެކެވެ.

މިހާރު އޮންނަ ގޮތުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ޔޫރޯ އަދި ވޯލްޑް ކަޕްވެސް ބާއްވާއިރު، ކޮލިފިކޭޝަން އޮންނަނީ ހަތަރު އަހަރަށް ބަހާލާފައެވެ. ވެންގާގެ ހިޔާލު އެފަދަ ކޮލިފިކޭޝަންތަކާވެސް ދެކޮޅެވެ. ވެންގާ ބުނެފައި ވަނީ ގައުމީ ޓީމުގެ މުބާރާތްތަކުގެ ކޮލިފިކޭޝަން މަހަކަށް ބަހާލައި، އެއީ ފޯރިގަދަ އިވެންޓަކަށް ހެދޭނެ ކަމަށެވެ. އޭރުން ކޮލިފިކޭޝަންގެ ޓީވީ ރައިޓްސްއިން ރަނގަޅު ފައިދާއެއް ވިޔަފާރީގެ ގޮތުގައި ހޯދޭނެ ކަމަށްވެސް ވެންގާ ފާހަގަ ކޮށްފައި ވެއެވެ.

މުބާރާތްތައް ގިނަވުމުން ފޯރި ކެނޑި، މުބާރާތްތަކުގެ ކޮލިޓީ ގެއްލިގެން ދާކަމަށް ދެކެވޭ ވާހަކައަށް ވެންގާވެސް ކޮންމެވެސް ވަރަކަށް ތާއިދު ކޮށްފައި ވެއެވެ. އެހެންނަމަވެސް އޭނާ ބުނެފައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކޮންމެ އަހަރަކު އެތައް ބަޔަކު ފޯރިއާއެކު ބަލާ ކަމަށެވެ.

އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު ވެންގާ އެ ކްލަބު ދޫކޮށްލީ 2018 ވަނަ އަހަރުއެވެ. އާސެނަލްއާއެކު ވެންގާ ވަނީ ތާރީހީ ކާމިޔާބީތަކެއް ހޯދައިފައެވެ. މިހާރު ފީފާގައި ވެންގާ ވަޒީފާ އަދާކުރަމުން އަންނައިރު، އޭނާގެ މަގާމުގެ ގޮތުން ފުޓުބޯޅައިގެ ފައިދާއަށް ބައެއް ގަވާއިދުތައް ބަދަލުކުރުމަށް ވެންގާ އަބަދުވެސް ބާރު އަޅައެވެ.

ދާދި ފަހުން ވެންގާ ވަނީ އޮފްސައިޑް ގަވާއިދު ބަދަލުކުރުމުގެ އިތުރުން ބައެއް އެއްލުންތަކުގެ ބަދަލުގައި ރޮނގު ކައިރީގައި ބޯޅަ ބާއްވާފައި ޖެހުމުގެ ފުރުސަތު ދިނުމަށް ވިސްނުން ގެންގުޅޭ ކަމަށްވެސް ބުނެފައެވެ.